ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައިދޭން ހުންނަ ޓީޗަރަކީ ކާކުކަން ކުއްޖާއަށް ފެންނަން ޖެހޭނެ ކަމަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އުތެމަ އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ ސްކޫލްތަކުގައި މަސައްކަތް ކުރާ މޫނު ބުރުގާ އެޅި ޓީޗަރުންނަށް ސިވިލް ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނޯޓިސް ފޮނުވުމާއި ގުޅިގެން އެ ޖަމިއްޔާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކިޔަވައިދޭ ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގި، ފުރިހަމަ އަށް އިތުބާރުކުރެވޭ މީހަކަށް ވުމަކީ އުނގެނުމަށް ފަހި މާހައުލެއް ގާއިމްކުރަން ކޮންމެހެން އިސްކަންދޭން ޖެހޭ ކަމެއް ކަމަށެވެ. އަދި ހަށިގަނޑާއި މޫނުގެ ހަރަކާތްތަކުން ތުއްތު ކުދިން ގިނަ ކަންތައްތަކެއް ދަސްކުރާކަން އިލުމުގެ އަލީގައި އެނގެން އެބައޮތް ކަމަށެވެ.
"ބައެއް އިސްލާމީ ގައުމުތަކުގައި ވެސް މިފަދަ ސަބަބުތަކަށްޓަކައި މޫނު ބުރުގާ އަޅާ ޓީޗަރުން ވެސް ތުއްތު ކުދިންނަށް ކިޔަވައިދޭ ވަގުތު މޫނު ފާޅުކުރަން ޖެހެ އެވެ،" ބަޔާނުގައިވެ އެވެ.
އުތެމައިން ބުނެފައިވަނީ މޫނު ބުރުގާ އަޅާ ޓިޗަރުންގެ ވަޒީފާ ގެއްލުމަކީވެސް ހަމަ އެއާއެކު ކަންބޮޑުވާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން މަސައްކަތްކުރުމުގެ ހައްގާއި އިގުތިސާދީ ހައްގާއި އެ ނޫން ވެސް ބައެއް ހައްގުތަކަށް ބުރޫ އަރާނެ ކަމަށް ބުނެފައިވެ އެވެ.
އެބަޔާނުގައި ވަނީ ވަޒީފާ ދިނުމާއި ވަކި ކުރުމުގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެ ގޮތެއް ހަމަޖައްސައި ޓީޗަރުންގެ ޑިސިޕްލިނަރީ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުަށް އިލްތިމާސްކޮށްފައި އެވެ.
މޫނު ބުރުގާގެ މައްސަލަ ކުއްލިއަކަށް ބޮޑުވެގެން އުޅެނީ އއ. މަތިވެރީ ޓީޗަރަކު މިއަހަރު ވަޒީފާއަށް ނުކުތް އިރު މޫނު ބުރުގާ އަޅައިގެން ނުކުތުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސިވިލް ސާވިސް ގަވައިދާ އެއްގޮތަށް ވަޒީފާއަށް ނުކުތުމަށް އޭނާއަށް ނޯޓިސް ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް