ފުލުހުންގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ނިންމި ބަދަލާއި ގުޅިގެން މިދިޔަ މަހުގެ މުސާރަ ނުލިބި ލަސްވާތީ ގިނަ އަދަދެއްގެ ފުލުހުން ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި ލޯނަށް އެެފި އެވެ.
ޕޮލްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް ވިދާޅުވީ މުސާރަ ލަސްވެގެން 200 އަށްވުރެ ގިނަ ފުލުހުން ލޯނަށް އެދިފައިވާ ކަމަށެވެ. މިހާރު އެ ފަރާތްތަކަށް ލޯނު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލޯނަށް އެދިފައިވާ ހުރިހާ ފުލުހުންނަށް ލޯނު ދޭނެ ކަމަށެވެ.
އެ ލޯނު ދައްކަންޖެހޭނީ އެއްވެސް އިންޓްރެސްޓަކާއި ނުލާ ކަމަށާއި ލޯނުގެ ގޮތުގައި ނަގާ ފައިސާ ދެ މަސްތެރޭ ދައްކަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިންވެސް އެ ސޮސައިޓީން ފުލުހުންނަށް ލޯނު ދޫކުރާ ކަމަށެވެ.
"މުސާރައިގެ އިތުރުން ވެސް ފުލުހުންނަށް މިފަދަ ލޯނެއް ބޭނުން ވެފައި ތިބުމާ އެކު ގިނަ ފުލުހުން މިކަމަށް ކުރިމަތި ލަމުން އަންނަނީ. މިހާރު ވަގުތީ ހައްލެއް ގޮތުން ލޯނު ދޫކުރާ ޕްރޮސީޖާ ފަސޭހަކޮށްލާފައި އޮންނާނީ. އެޕްލިކޭޝަން ފޯމް ހުށަހަޅާ ހުރިހާ ފަރާތަކަށް ވެސް ދިނުމުގެ މަސައްކަތް މިކުރަނީ،" މަންނާން ވިދާޅުވި އެވެ.
ކޮންމެ ފުލުހަކަށްވެސް 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫންނަމަ ޕޮލްކޯއިން ލޯނު ދޫކުރާނެ އެވެ. މިދިޔަ އަހަރުވެސް އެ ސޮސައިޓީން އަށް މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ.
ފުލުހުންގެ މުސާރަ ލަސްވަނީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަލާއި އެކު ބޮޑު ކުރި މުސާރަ ޝީޓު ފޮނުވުމުން ކުރީގައި ދޫކުރާ މުސާރަ ޝީޓު ފޮނުވަން އަންގައި ފިނޭންސުން ފަހުގެ މުސާރަ ޝީޓު އަނބުރާ ފޮނުވާލުމުން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް