ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރި ކުރުވާ، ހުނަރުވެރި ކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި އިކޮނިމިކް މިނިސްޓްރީ ގުޅިގެން 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގައި ބައިވެރިވާ ފުރަތަމަ ބެޗްގެ ކުދިންނާއި ކެމެރާ ހަވާލު ކޮށްފިއެވެ.
މިކަމާއި ގުޅިގެން މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އާއި އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ފަތުމަތު އިބްރާހިމް އެވެ.
ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުން ބާރުވެރި ކުރުވުމަށް ރައީސް ޔާމީން ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ފެށި މި ޕްރޮގްރާމަކީ ޤައުމުގެ އިޤްތިސާދީ ތަރައްގީއަށް ޙިދުމަތް ކުރަމުން އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދާދިނުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ (ޓިވެޓް) އިން ފަށާ ޕްރޮގްރާމް އެކެވެ.
"މިއަދު އަޅުގަނޑުމެންގެ ނަސީބަކީ 'ރައުސުލްމާލް' އޭގެ ޢަސްލު މާނައިގައި އެނގިވަޑައިގަންނަވާ އަދި އެ ފައްކާކުރާނޭގޮތް އެނގިވަޑައި ގަންނަވާ އިޤްތިސާދީ މާހިރެއް ޤައުމުގެ ހުންގާނުގައި ހުންނެވިކަން. އަޅުގަނޑުމެންގެ ކޮންމެ ކުއްޖަކީ ވަރަށް ޚާއްސަ ރައުސުލްމާލަކަށް ވާތީ ރައީސް ޔާމީންގެ ފުރަތަމަ ނިންމެވުމަކީ ވެސް، އެންމެ ކުއްޖަކުވެސް ބާކީ ނުކުރެއްވުން، ކޮންމެ ކުއްޖެއްވެސް ބަލަހައްޓާ އަދި އެކުއްޖެއްގެ އެންމެ ފުރިހަމަ ހިސާބަކަށް ގެންދިޔުން" މިރޭގެ ރަސްމިއްޔާޔުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"އެންމެ މޮޅު ސަތޭކަ ކުދިންނަށް ބޭރުގައުމަކަށް ގޮސް ތަމްރީނު ވުމުގެ ފުރުސަތު މިހާރު އަޅުގަނޑުމެންނަށް ވަނީ ޔަގީންވެފަ. އަދި ތީގެ ތެރެއިން 1000 ފޮޓޯގްރާފަރުންނަށް މިކޯސް ނިމޭއިރު ވަޒީފާ ގައިމު ވެފައިވާ ކަންވެސް ދަންނަވަން،"މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވިއެވެ.
ޖުމްލަ 1000 ޒުވާނުން ބެޗްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ކިޔެވުން ފެށުމުގެ ގޮތުން، މިބެޗްގައި ހިމެނޭ 300 ޒުވާނުންނަށް މިރޭގެ ރަސްމިއްޔާތުގައި ހަވާލު ކޮށްފައިވަނީ ނިކޯން ބްރޭންޑްގެ ކެމެރާ އެކެވެ. އަދި އެ ކެމެރާ ދޫކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތުން ފައިސާ ދައްކާ ހަލާސް ކުރާ އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް