ސިފައިން ތިބެންޖެހޭނީ ސިޔާސީ ކަންކަމުން ދުރުގައި: އާ ޑިފެންސް މިނިސްޓާ

ސިފައިން ސިޔާސީ އެންމެހާ ހަރަކާތްތަކުން ދުރުވެ ތިބެންޖެހޭ ކަމަށް އާ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީލް ޖަލީލް ވިދާޅުވެއްޖެ އެވެ. ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލުކުރައްވައ...

02 Feb 2015 | 05:14

ސިފައިން ސިޔާސީ އެންމެހާ ހަރަކާތްތަކުން ދުރުވެ ތިބެންޖެހޭ ކަމަށް އާ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލުކުރައްވައި ރޭ ޖަލީލް ވިދާޅުވީ ސިފައިންނަކީ ވަރަށް ހާއްސަ ތަމްރީނުތަކެއް ލިބިގެން، އަސްކަރީ އަދަބުތަކުގެ ތެރޭން، ގައުމަށް ވަރަށް އިހްލާސްތެރި މަސައްކަތެއް ކުރަމުން ގެންދާ ބައެކެވެ. އެހެންކަމުން، ސިފައިންނަކީ އެ އަސްކަރީ އުސޫލީ މިންގަނޑުތަކުގެ ތެރޭގައި ތިބެންޖެހޭ ބައެއް ކަމަށްވާތީ، އެ އުސޫލުގެ މަތިން ސިފައިންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަދި ސިފައިންނަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމަށް ތެދުވެރި، އަމާނަތްތެރި ބައެއްގެ ގޮތުގައި ދެމިތިބުމަށް އަބަދު ވެސް އަޒުމު ކަނޑައަޅަން ޖެހޭނެ،" ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ވެސް އަދާކުރައްވާފައިވާ ޖަލީލް ވިދާޅުވި ކަމަށް، އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރޭގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމު ވިދާޅުވީ ކޮންމެ ސިފައިންގެ މީހަކު ވެސް އެ މީހަކާ ހަވާލުވެފައިވާ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް، ކުރާ ކޮންމެ ކަމެއް ވެސް އަސްކަރީ އަހުލާގެ އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމަށް އެދޭކަމަށެވެ.

މިއީ މިދިޔަ މަހުގެ މެދުތެރޭގައި ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޖަލީލް ސިފައިންނާ އާއްމުކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި، މޭޖަ ޖެނެރަލް ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހުމަދު މުހައްމަދުގެ އިތުރުން، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް