ނަގޫ ފިތިފައިތިބި ބަޔަކާއެކު ނޫޅުމަށް ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ މެމްބަރުންނަށް، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފި އެވެ.
އެމްޕީ މުހައްމަދު އިސްމާއީލް ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ޖުމުހޫރީ ޕާޓީގައި ހިމެނޭ، ޖުމުހޫރީ ޕާޓީ ބައިބައިކޮށްލަން މަސައްކަތްކުރާ ބަޔަކު،"ނަގޫ ފިތިގެންތިބެ" އެމްޑީޕީއާއި ރައީސް ނަޝީދަށް ތާއީދުކޮށް ކުރަމުންދާ މަސައްކަތަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޖުމުހޫރީ ޕާޓީގެ މެމްބަރުންނާއި ލޮބުވެތި ދިވެހި ރައްޔިތުން ވިސްނާނެ ކަމެއް ކަމަށެވެ.
އަދި މިއަދު މިއޮތް ސަރުކާރަކީ ރައްޔިތުންގެ އެތައް ގުރުބާނީއަކާ މަސައްކަތާއެކު އިންތިހާބުކުރި ސަރުކާރެއް ކަމަށާއި މިސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއްކޮށް، ޒުވާނުންނަށް ރަނގަޅު މަގު އިޚްތިޔާރުކޮށްދީ، އިޤްތިޞާދީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންދިއުމަކީ ރައީސް ނަޝީދަށާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންނަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާތީ ޖުމުހޫރީ ޕާޓީގައިތިބި، ބޭރުފުށުން ޖުމުހޫރީ ޕާޓީވެގެން އުޅޭ ބަޔަކާގުޅިގެން ގޮސް މިއަދު ކުރަމުންދާ މަސައްކަތަކީ ޤައުމުގައި އޮތް ޞުލްޙަ މަސަލަސްކަން ނަގާލަން ކުރާ މަސައްކަތްތަކެއް ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
" ޖުމުޙޫރީ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ މިއަދު ތިޔަ މެމްބަރުން ގުނބޯ ހެދިގެން ނޫޅުއްވައި ރައްކާތެރިކަމާއެކު ޤައުމުގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތަށް އެނބުރި ރުޖޫޢަ ވުމަށެވެ. ރައީސް ނަޝީދަކީ ހަމަ ރައީސް ނަޝީދެވެ. މާދަމާވެސް ތިޔަ ބޭފުޅުންގެ ކަރަށް ފައިން އަރުއްވާކަން ރައީސް ނަޝީދު ޖެހުލުމެއް ނުވާނެ" އެމްޕީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމްޕީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިއަދު ޖޭޕީގެ ބޭފުޅުން އޭ 4 ސައިޒް ގަނޑަކަށްވުރެ ތުނިވެގެން ރައީސް ނަޝީދަށާއި އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާއިރު ޖުމުހޫރީ ޕާޓީގެ ޢާއްމު މެމްބަރުން ތިއްބެވީ އެކަމާ ނުރުހިފައި ކަމަށެވެ. އަދި ޖުމުހޫރީ ޕާޓީގެ ލީޑަރޝިޕުން ތިޔަ ކުރައްވާ މަސައްކަތުން ޕާޓީގެ ޢާއްމު މެމްބަރުންގެ ތާއީދު ގެއްލުން ފިޔަވައި އިތުރު ކަމެއް ނުވާނެ ކަމަށެވެ.
"ރައީސް ނަޝީދުގެ ޕާޓީގެ ޗެއަރޕާސަން ޢަލީ ވަޙީދު ވިދާޅުވާހެން ރައީސް ނަޝީދުގެ އަވާގައިޖެހި ނަގޫފިތިފައި ތިބި ބަޔަކަށް ތިޔަ މެމްބަރުން ނުވެ، އަދި ރައީސް ނަޝީދުގެ ހީލަތްތެރި މަކަރުގެ ދަލުގައި ނުޖެހި ޖުމުހޫރީ ޕާޓީގެ ލޮބުވެތި އަދި ޚިދުމަތްތެރި މެމްބަރުން ސަލާމަތްވުމަށް ގޮވާލަން" އެމްޕީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެމްޕީގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ވަގުތާއި ފުރުޞަތު އަދިވެސް އެބައޮތް ކަމަށާއި ޖުމުހޫރީ ޕާޓީ އާއި އެމްޑީއޭ އަދިވެސް ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ އެހެން ޕާޓީތައް ގުޅިގެން މަސައްކަތްކޮށް ސަރުކާރާއި ޕީޕީއެމުން ބޭނުންވާ މަންޒިލަށް ވާޞިލްވެވިދާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ހުރި ގޮތް ދޫނުކުރުމުގެ ސިޔާސަތުގެ ސަބަބުން އަމިއްލަފުޅަށް ވެރިކަން ދޫކުރައްވައި އަދިވެސް މިޤައުމުގެ ދުވަސް ދުއްވާލުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރި ވުމުގެ ބަދަލުގައި ޤައުމަށް ހެޔޮ އެދޭ އިޚްލާޞްތެރިންނާއެކު މަސައްކަތްކުރުމަށް ޖުމުހޫރީ ޕާޓީގެ ލޮބުވެތި މެމްބަރުންނަށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް