ނުކުޅެދުންތެރިކަން ހުންނަ މީހަކު ގޮވައިގެން ޓެކްސީ ޑްރައިވަރަކު ފިލިކަމަށް ބުނާ މައްސަލައިގާ މިހާތަނަށް ބެލި ބެލުމުން މީހަކު ނުކުމެ ޓެކްސީގެ ދޮރުލެއްޕުމުން ކާރުގެ ފަހަތުގައި މީހަކު ނެތްކަމަށް ބަލައި އެހެން ދަތުރަކު ދާން ޓެކްސީ ނައްޓާލީ ކަމަށާއި އޭރު ކާރުގެ ފަހަތުގައި އެހެން މީހަކު އިންކަން ޑްރައިވަރަކަށް ނޭނގޭ ކަމަށް އަދި ހާއްސަ ނުކުޅެދުންތެރިކަން ހުންނަ މީހާއަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށުން ޑޮކްޓަރަށް ދައްކައި ތަޙުލީލުތައް ކުރިއިރު އެމީހާއަށް އެއްވެސް ކަހަލަ ޖިންސީ އަދި ޖިސްމާނީ ގޯނާއެއް ލިބި އަދި އަނިޔާއެއްކޮށް އިންސާނީ ކަރާމާތަށް އުނިކަމެއް އަންނާނެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާކަން އެއަންހެން މީހާ ބެއްލެވި ޑޮކްޓަރުން ފުލުހުންނަށް ޔަޤީންކަން ދީފައި ވާކަމަށެވެ.
އަދި ޓެކްސީ ޑްރައިވަރަށް އެކާރުގައި މީހަކު އިންކަން އެނގުނީ މިހާދިސާ ހިނގިކަން ހަވީރު 16:45 ހާއިރު ފުލުހުންނަށް ހުށަހެޅުމުން ޓެކްސީ ސެންޓަރުތަކަށް ގުޅަން ފެށުމާއެކު ޓެކްސީ ސެންޓަރުން ގުޅައި ނުކުޅެދުންތެރިކަން ހުންނަ މީހަކު އެ ޓެކްސީގައި އިންތޯ ބަލައި ދިނުމަށް ޑްރައިވަރު ގާތު އެދުމުން ޑްރައިވަރު އެ ކާރުގެ ފަހަތު ސީޓް ބަލާލިއިރު ފަހަތު ސީޓުގައި އިސްވެ ދެންނެވި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ އިންދައި ފެނުނު ހިސާބުން ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެވަގުތު އެޓެކްސީ އޮތް ހިސާބުން ހުއްޓުވައި ފުލުހުން ވަނީ ޑްރައިވަރާއި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ ގެނެސްފައިވާކަމަށާއި އަދި އެއަންހެންމީހާ ޑޮކްޓަރަށް ދައްކައި ކުރިން ދެންނެވި ފަދައިން އެއްވެސްކަހަލަ ގޯނާއެއް ނުވަތަ ގެއްލުމެއް ލިބިތޯ ބަލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް