ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓުގެ ރަންވޭގައި ޖަޕާނު އެއާލައިންސްގެ މަތިންދާބޯޓަކާއި ކޯސްޓްގާޑުގެ ކުޑަ މަތިންދާބޯޓަކާ ޖެހި ހިނގި އެކްސިޑެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ބޯޓުން ދަތުރުކުރި 379 ފަސިންޖަރުންނާއި ކްރޫއިން ސަލާމަތްވިނަމަވެސް، ކޯސްޓްގާޑު މަތިންދާބޯޓުގައި ތިބި ހަ ކްރޫއިންގެ ތެރެއިން ފަސް މީހުން މަރުވެ، ޕައިލެޓަށް އަނިޔާވެފައިވާކަމަށް ޓޯކިޔޯގެ ފުލުހުން ވަނީ ބުނެފައެވެ.
ފުޓޭޖުތަކުން ފެންނަ ގޮތުގައި މަތިންދާބޯޓުގައި ރޯވި އަލިފާނުގެ ސަބަބުން ރަންވޭ ވެސް އޮތީ އަލިވެފައެވެ.
ހޮކައިޑޯ ނަމަކަށް ކިޔާ ރަށެއްގެ ސަޕޯރޯއިން އައި މަތިންދާބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ޖަޕާން އެއާލައިންސްގެ ފްލައިޓް 516 ސަޕޯރޯގެ ނިއު ޗިޓޯސް އެއާޕޯޓުން ފުރާފައިވަނީ ޖަޕާނު ގަޑިން 16:00 ގައެވެ.
ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭގެ ރިޕޯޓެއްގައި ވާގޮތުން މިހާރު އަންނަނީ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނުވެއެވެ. ކޯސްޓްގާޑުން ބުނީ އެ ހާދިސާ ހިނގި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިޝިކާވާއަށް ހޯމަ ދުވަހު އައި ބިންހެލުމާ ގުޅިގެން ކޯސްޓްގާޑުގެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ހަނެޑާއިން ނިގާޓާ އެއާޕޯޓަށެވެ. އެއީ ބިންހެލުން އައި ސަރަހައްދަށް މިޝަން އެއްގައި ދަތުރުކުރި ހަތަރު މަތިންދާ ބޯޓުގެ ތެރެއިން އެއް ބޯޓެވެ.
މި ހާދިސާއާ ގުޅިގެން ހަނެޑާ އެއާޕޯޓުގެ ހުރިހާ ރަންވޭއެއް ބަންދުކޮށްފައިވާ ކަމަށް އެއާޕޯޓުގެ ތަރުޖަމާނަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް