ސިއްހީ ދާއިރާއިން ދުރުވެފައިވާ ހިދުމަތްތެރިން އަނެއްކާ ހިދުމަތަށް ނެރެނީ

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ ...

02 Jan 2024 | 14:09

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި، އެހެނިހެން ޞީއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެގޮތުން އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން އެ ފަރާތްތަކަށް އަދާކުރެވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫޓްމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް