ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ބަދަލު ގެނައުމަށްޓަކައި ޤާނޫނީ އިޖުރާތުތައް ނިންމާ އެކި މަރުހަލާތަކަށް ބެހިގެން އެމަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ. އެގޮތުން މި ބަދަލުގެނައުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް 31 ޑިސެންބަރު 2023 އިން ފެށިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި މިނިސްޓްރީ އޮފް ފިނޭންސްއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މާލެ ސިޓީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިޔަށް ގެންގޮސް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގިނަވެގެން 1 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދެއެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް