ގޯތި އަދި ފްލެޓް ރަޖިސްޓްރީ ހަވާލުކުރަން މި ހަފްތާގައި ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓްރީ ނުލިބޭ މީހުންގެ ރަޖިސްޓްރީ ހަވާލުކުރުން މި ހަ...

02 Jan 2024 | 08:26

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓްގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓްރީ ނުލިބޭ މީހުންގެ ރަޖިސްޓްރީ ހަވާލުކުރުން މި ހަފްތާގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޯތި އަދި ފްލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްޗާއި ފްލެޓް ހަވާލުކުރުމަކީ އެމަނިކުފާނު ވީ ވައުދާ އެއްގޮތަށް ކުރިއަށްދާނެ ކަމެއްކަން ފާހަގަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަފްތާ އަދި އަންނަ ހަފްތާ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި، ގޯތިދީފައިވާ ބައެއް ތަންތަނަކީ ނުހިއްކާ ހުރި ތަންތަން ކަމުން، އެތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށްވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އަދި ގުޅީފަޅާއި ގިރާވަޅު ފަޅުން އިތުރަށް ބިން ހިއްކުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯއްޗާއި ފްލެޓް މި ސަރުކާރުން އަތުނުލާނެ ކަމަށް ރައީސް ޑރ މުޢިއްޒު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މި ސަރުކާރުން ފުށިދިއްގަރު ފަޅުގައި ތަރައްޤީކުރާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފަށާފައިވާއިރު، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ތަނަކުން ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި ރަސްމާލެއަށް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް