އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންހެނަކު ދަތުރު ކުރަމުން ދިޔަ ސްކޫޓަރެއްގައި ކާރެއް ޖައްސައި އެކްސިޑެންޓުކޮށް މަރާލުމަށް ފަހު، އެ އަންހެން މީހާ ކާރުގެ ފޮރުޅުގެ ދަށުގައި ތާށިކޮށްގެން ދުއްވި މައްސަލައެއް މެންމަތިވެއްޖެ އެވެ.
މި ހާދިސާގައި މަރުވީ ދިއްލީގެ ސުލްތާންޕޫރީގެ އަމަން ވިހާރަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އަންޖަލީ ކިޔާ އަންހެނެކެވެ. މި ހާދިސާ ހިނގީ އިއްޔެ ރޭ އާ އަހަރު ފެށުނު ފަހުން މެންދަމުގެ ވަގުތެއްގައި އެވެ.
އަންޖަލީ ސްކޫޓަރުގައި މެންދަމު ދިޔައީ ވަޒީފާ އަދާ ކުރާ އޮފީހުން ގެއަށެވެ. މި މައްސަލައިގަ ދިއްލީ ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ތިބި ފަސް ފިރިހެނަކު ހައްޔަރުކޮށްފައި އެވެ އެ މީހުންނަކީ އެކްސިޑެންޓުވި އިރާއި އަންޖަލީ ތާށިކޮށްގެން ދުއްވި އިރު އެ ކާރުގައި ތިބި މީހުންނެވެ.
ދިއްލީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެމީހުން އަންޖަލީ މަރާލީ ގަސްދުގައި ނޫން ކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށެވެ. އެމީހުން ބުނެފައިވާ ގޮތުގައި ސްކޫޓަރަކާއި ޖެހި ކާރު އެކްސިޑެންޓުވި ކަން އެނގޭ ކަމަށާއި އެކަމަކު މަރުވެފައިވާ އަންޖަލީގެ ހަށިގަނޑު ކާރާއި އެކު ފޮރުޅުގައި ތާށިވެގެން ގެންދެވުނު ކަމެއް ނޭނގެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ މީހުން ވަނީ 4-12 ކިލޯ މީޓަރާއި ދެމެދު ދުރަށް އަންޖަލީގެ ހަށިގަނޑާއި އެކު ދަތުރުކޮށްފައި އެވެ. އެ މަންޒަރު އާންމުވެފައިވާ ސީސީޓީވީ ފުޓޭޖަކުން ފެންނައިރު އޭގެން ފެންނަނީ ކާރު މަގަކުން ޔޫޓާން ނަގާއިރު ވާތް ފަރާތުގެ ކުރީ ފުރޮޅައިގަ އަންޖަލީގެ ހަށިގަނޑު ތާށިވެފައި އޮވެގެން ބިންމަތީ ކޭއްތެމުން ދާތަނެވެ.
އެ މަންޒަރު ބަޔަކަށް ފެނިގެން ފުލުހުންނަށް ފުރަތަމަ ރިޕޯޓު ކުރީ އިއްޔެ ރޭ މެންދަމު 3:24 ގައި އެވެ. އޭގެ ފަހުން 4:11 ގައި އެހެން މީހަކު ފުލުހުންނަށް ރިޕޯޓު ކުރީ މަގުމަތީގައި އަންޖަލީގެ މަރުވެފައިވާ ހަށިގަނޑު އޮއްވަ ފެނިގެންނެވެ.
ފުލުހުން އަންޖަލީގެ އާއިލާއަށް އެކަން އެންގީ އިއްޔެ ހެނދުނު 7:00 ހާއިރު އެވެ. އެކަމަކު އަންޖަލީގެ ހަށިގަނޑު ރަނގަޅަށް ނުދައްކާ ކަމަށް ބުނެ އޭނާގެ މަންމަ ދަނީ ނުރުހުން ފާޅުކޮށް ކާރުގައި ތިބި ފިރިހެނުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
އޭނާ ބުނީ ދަރިފުޅު އޮފީހަށް ދިޔައީ ނިވާކަން ބޮޑު ހެދުމެއް އަޅައިގެން ކަމަަށާއި އޭނާ މަގުމަތީގައި އޮއްވަ ފުލުހުންނަށް ފެނުނު ކަމަށް ބުނަނީ ބަރަހަނާ ހާލުގައި ކަމަށެވެ. މަންމަ ތުހުމަތު ކުރި ގޮތުގައި އެމީހުން އަންޖަލީ މަރާލީ ރޭޕް ކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ އެމީހުން ކުށަށް އިއުތިރާފު ނުވިނަމަވެސް ބަންދުން ދޫކޮށްލާނީ ގަސްދުގައި ކުރި ކަމެއް ނޫންކަން ސާބިތު ކޮށްދިނުމުން ކަމަށެވެ. އެހެން ނޫންނަމަ ގަސްދުގައި މީހަކު މެރިކަމުގެ ތުހުމަތު ކޮށް، ތަހުގީގު ކުރާނެ ކަމަށް ބުންޏެވެ. މިހާތަނަށް އެމީހުންނަށް އެކަން ސާބިތު ކޮށްދެވިފައިއެއް ނުވެ އެވެ.
އަންޖަލީގެ މަންމަ ވަނީ އޭނާގެ ދަރިފުޅަކީ މުޅި އާއިލާގެ ހަރަދުތައް ބަލަހައްޓަމުން ދިޔަ ރަނގަޅު ދަރިއެއް ކަމަށް ބުނެފައިވެ އެވެ. އެ އާއިލާގައި އަންޖަލީ އާއި އެއް ބަނޑު އެއްބަފާ ފަސް ކުދިން ތިބެ އެވެ. ބައްޕަ މަރުވެފައިވާތީ ދޮށީ ދަރިފުޅުގެ ހައިސިއްޔަރުން މަންމަ އާއި ކޮއްކޮމެންގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އޭނާއަށް ލިބޭ މުސާރައިގެންނެވެ.
މި މައްސަލައިގަ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށް މަންމަ ގޮވާލާފައިވާއިރު ދިއްލީ ސަރުކާރުންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ކޮމިޝަނުން ވަނީ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފުލުހުންނަށް ގޮވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް