ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ނަގައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ.
މިމައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ތާވަލް ކޮށްފައިވާއިރު މިއީ އިބްތިދާއީ އަޑުއެހުމެކެވެ. އަދި އަޑުއެހުން ކުރިއަށް ގެންދަން ތާވަލްކޮށްފައިވަނީ އޮންލައިން ކޮށެވެ.
މި މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާއެވެ.
މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
މި މައްސަލަ ކުރިން ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ޝަކީލް ދާދިފަހުން އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައި ވާތީ މި މައްސަލަ މިހާރު ހަވާލުކުރައްވާފައި ވަނީ އެ ކޯޓުގެ ގާޟީ އަލީ ނަދީމާއެވެ.
ފުއްގިރި މައްސަލައިގެ ޝަރީއަތެއް މާދަމާއަށް ތާވަލު ކުރެވިފައިވާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ، ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް