ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއާގެ އެންމެ ކާމިޔާބު ކުލަބު އަލް ނަޞްރު އާއި ގުޅުނު ކަން އެ ކުލަބުން ހާމަކުރީ ނިމިގެން ދިޔަ ހުކުރުދުވަހުގައެވެ. ރޮނާލްޑޯގެ ސޮއި އެ ކުލަބުން ހޯދީ ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 200 މިލިއަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީ އަރަބިއާގެ މީޑިއާތަކުން ޚަބަރުފަތުރާ ގޮތުގައި އަލް ނަޞްރުން ރޮނާލްޑޯގެ ސޮއި ހޯދިކަން އިއުލާން ކުރިތާ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ކުލަބުގެ މާކެޓް ވެލިޔު ވަނީ 80 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މިއީ ސައުދީ އަރަބިއާގެ ފުޓްބޯޅަ ތާރީޚުގައި ކުލަބެއްގެ މާކެޓް ވެލިޔު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރުކަމަށް ވެސް ސައުދީ މިޑިއާ ތަކުން ބުނެއެވެ.
ރޮނާލްދޯ އަލް ނަޞްރާއި ގުޅުނީ ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ އެ ކުލަބުގައި މަޑުކުރާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލް ނަސްރުއާއި އެކު ރޮނާލްޑޯ ހަދާފައިވަނީ ހަތް އަހަރުގެ ޑީލެކެވެ. އެ ޑީލްގެ ދަށުން އެމްބެސެޑަރެއްގެ މަޤާމުވެސް ރޮނާލްޑޯ އަދާކުރާނެއެވެ.
އެގޮތުން ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދެ އަހަރާއި ބައި ގެ މުއްދަތެއް ހޭދަކުރުމަށް ފަހުން ދެން އެއްބަސްވުމުގެ ބާކީ ބައި ރޮނާލްޑޯ އަދާކުރާނީ އެމްބެސެޑަރެއްގެ މަޤާމެވެ. އަދި ރޮނާލްޑޯ އެމްބެސެޑަރެއްގެ ދައުރު އަދާކުރާއިރު، އޭނާގެ މުސާރަ އިތުރުވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަލް ނަސްރުން ރޮނާލްޑޯ ގެނައުމަށް ހުށަހަޅާފައިވަނީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނާއިރު، އެ 200 މިލިއަން ޔޫރޯ އަކީ މުސާރައިގެ އިތުރުން ކޮމާޝަލް ޑީލުތައް ހިމަނައިގެން ހުށަހަޅާފައިވާ އަދަދެއްކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ދެ އަހަރާއި ބައިގެ މި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް 450 މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ މުސާރައެއް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެމްބެސެޑަރެއްގެ މަޤާމު ހަވާލުވުމުން ރޮނާލްޑޯގެ އެންމެ އިސް ދައުރަކަށް ވާނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން މިސްރާއި ގްރީސްއާ އެކު ސައުދީ އަރަބިއްޔާއިން ކުރާ ބިޑަށް އެހީތެރިވުމެވެ.
ނުވަ ފަހަރު ސައުދީ ޕްރޯ ލީގު ކާމިޔާބުކޮށްފައިވާ އަލް ނަސްރުން ދެކެނީ ރޮނަލްޑޯ އެކުލަބަށް ސޮއިކުރުމަކީ ތާރީޚު ބަދަލުކޮށްލުން ކަމަށެވެ. އަދި މިއީ އެކްލަބާއި, އެގައުމާއި, އެގައުމުގެ ކުރިމަގަށް ނިކުންނަން ތިބި ކުޅުންތެރިންނަށްވެސް ހިތްވަރެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް