މިދިޔަ ހަފްތާގައި ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ރަނގަޅު

މިދިޔަ ހަފްތާގައި ރާއްޖޭގެ ކޯވިޑްގެ އަދަދުތަކަށް ބަދަލެއް ނައިސް، ވަރަށް ރަނގަޅު ހާލަތެއްގައި އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބަލި ފެނު...

02 Jan 2023 | 12:04

މިދިޔަ ހަފްތާގައި ރާއްޖޭގެ ކޯވިޑްގެ އަދަދުތަކަށް ބަދަލެއް ނައިސް، ވަރަށް ރަނގަޅު ހާލަތެއްގައި އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ބަލި ފެނުނު ޗައިނާގައި މިދުވަސްވަރު ހަލުވިކަމާއި އެކު ކޯވިޑް ދަނީ ފެތުރެމުންނެވެ. މީގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނޭހެން ކޯވިޑް ފެތުރިދާނެ ކަމަށް ލަފާކޮށް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ގައުމުތަށް ދަނީ އިތުރުވަމުންނެވެ.

ކޮންމެ ދުވަހަކު ރާއްޖެއަށް އެތައް ހާސް ބަޔަކު އެތެރެވާ ޕީކް ސީޒަން މި ދުވަސްވަރު އޮތް ނަމަވެސް ކޯވިޑްގެ އަދަދުތައް ހުރީ ހިތްހަމަޖައްސާލެވޭ ވަރެއްގައި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ހަފްތާގައި ކޯވިޑް ޖެހުނީ 15 މީހުންނަށެވެ. އެއީ މާލެއިން ހަތަރު މީހުން، އަތޮޅުތެރެއިން އެކަކު އަދި އެހެނިހެން ރަށްތަކުން 10 މީހުންނެވެ.

މިދިޔަ ހަފްތާގައިވެސް ރާއްޖެއިން ކޯވިޑް ޖެހިގެން މީހަކު ދުނިޔެ ދޫކޮށްފައިއެއް ނުވެ އެވެ. ކޯވިޑްގައި މިހާތަނަށް ރާއްޖެއިން މަރުވީ 311 މީހުންނެވެ.

ވެކްސިން ޖެހި މީހުންގެ ޕަސެންޓަށް ބަލާއިރު ކޯވިޑްގެ ފުރަތަމަ ޑޯޒު ޖެހީ ވެކްސިން ޖެހުމަށް ޝަަރުތު ހަމަވާ މީހުންގެ 88 ޕަސެންޓު މީހުންނެވެ. ދެ ވަނަ ޑޯޒު 85 ޕަސެންޓު މީހުން ޖެހި އިރު ތިން ވަނަ ޑޯޒު ޖެހީ 37 ޕަސެންޓު މީހުންނެވެ. އަދި ހަތަރަު ވަނަ ޑޯޒު އެއް ޕަސެންޓު މީހުންވެސް ނުޖަހަ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނީ 185،693 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް