ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

"ރަންތާޖު" ގެ ނަމުގައި ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނި...

02 Jan 2023 | 11:41

"ރަންތާޖު" ގެ ނަމުގައި ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.

މިއަދު ރާއްޖެ ޓީވީން ލައިވްކޮށް ދެއްކި މި ރަސްމިއްޔާތު ލޯންޗު ކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފް އާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީ އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން މަހްލޫފު ވިދާޅުވީ މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިޔަށް ގެންދާނެ ކަމަށާއި އަދި މި އޮޑިޝަންގެ ތެރެއިން 20 ބައިވެރިން ހޮވާނެ ކަމަށެވެ.

އެގޮތުން މި މުބާރާތުގެ އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީއެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ  16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފައެވެ.

މުބާރާތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރެއްވިއިރު ރާއްޖެ ޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް