ޖުމްލަ 20 ހާސް މީހުން ނަޝީދުގެ ބޭނުމަށް ކުރިން އެމްޑީޕީން ވަކިކުރި: ރީކޯ މޫސަ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭނުމަށް އެޕާޓީގެ 20 ހާސް މެމްބަރުން ޕާޓީގެ ދަފުތަރުން އުނިކޮށް ޕާޓީން ވަކިކުރިކަމަށް އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ ...

02 Jan 2023 | 11:33

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭނުމަށް އެޕާޓީގެ 20 ހާސް މެމްބަރުން ޕާޓީގެ ދަފުތަރުން އުނިކޮށް ޕާޓީން ވަކިކުރިކަމަށް އެމްޑިޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރެއްވުމަށް ރައީސް ނަޝީދު އަންނަނީ ކެމްޕޭނު ކުރައްވަމުންނެވެ.

އެމްޑީޕީގެ އިސްލީޑަރު ރައީސް ޞާލިހް ފެކްޝަނަށް ތާއީދުކުރައްވާ ރީކޯ މޫސަ ކުރެއްވި ޓްވިޓެއްގައި މިއަދު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގައި މައްސަލަ އުފައްދައިގެން ނަޝީދު ބޭނުންވެގެން ފާއިތުވި 15 އަހަރުދުވަހުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރި އެތައްބަޔަކު ޕާޓީން ވަކިކޮށްފައިވާކަމަށެވެ.

އަދި އެފަދަ މީހުންގެ ޢާއިލާތައް ޕާޓީދޫކޮށް ދިއުމާއެކު ޖުމުލަ 20 ހާހެއްހައި މީހުން ނަޝީދުގެ ބޭނުމަށް އެމްޑީޕީން ވަކިކުރިކަމަށެވެ.

ޕާޓީން މެންބަރުން ވަކިކުރިކަމަށް ތުހުމަތު ކުރައްވާ ރީކޯ މޫސަ މިހެން ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެހެން ޕާޓީއެއްގައި ނަން އޮވެގެންކަމަށް ބުނެ އެމްޑީޕީގެ 39،398 މެންބަރުން ނުވަތަ ޕާޓީގެ ދަފްތަރުގެ %42 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާކަމަށާ، އެއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ޙީލަތްތެރި ޢަމަލެއްކަމަށް ބުނެ ޝަކުވާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް