ހުޅުމާލޭގައި ހަދާފައިވާ ސަރުކާރު އޮފީސް އިމާރާތް މިމަހު 15 ގައި ހުޅުވަނީ

ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އި...

02 Jan 2023 | 08:11

ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމާއެކު، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ހުޅުމާލޭގައި ހަދާފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކޮށް މިމަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި އޮފީސް އިމާރާތުގައި  ގުރައުންޑް އަދި ފުރަތަމަ ފަންގިފިލާ ޕާކިން އަށް ހާއްސަ ކުރެވިފައި ވާއިރު، ދެވަނަ ފަންގިފިލާ ހަމަޖެހިފައިވަނީ ޖެންޑަރ މިނިސްޓްރީ ހިންގުމަށެވެ. ތިންވަނަ ފަންގިފިލާގައި  ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަން ހަމަޖެހިފައިވާއިރު ހަތަރުވަނަ ފަންގިފިލާގައި އެމެރިކާ އެމްބަސީ އަދި ފަސްވަނަ ފަންގިފިލާގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގުމަށް ހަމަޖެހިފައި ވާއިރު ހަވަނަ ފަންގިފިލާގައި މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.

ޕްލޭނިން މިނިސްޓްރީން ހާމަކުރާގޮތުގައި ސަރުކާރު އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓް ހުންނާނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމާފައިވާ އިމާރާތެކެވެ.

މާލޭގައި ކުއްޔަށް ދޫކުރާ ސަރުކާރުގެ އޮފީސް ތަންތަނަށް އަހަރަކު 77.7 މިލިއަން ރުފިޔާ ދައްކާއިރު، މިއީ ސަރުކާރުން ކުލީގެ ޚަރަދަށް ކަނޑައަޅާފައިވާ ބަޖެޓުގެ 64 އިންސައްތައެވެ.

އެހެންކަމުން ކުއްޔަށް ހިފާފައިވާ ދައުލަތުގެ އޮފީސްތައް އާ އިމާރާތަށް ބަދަލުކުރުމަކީ ދައުލަތުގެ ބަޖެޓަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމެކެވެ.

ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން 2019 ވަނަ އަހަރު ނިންމެވުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް