އެމްޓީސީސީ ރަށްވެހި ޗެލެންޖް:  ގްރޫޕް ސްޓޭޖް ފަހު މެޗުގައި ދެޓީމަށް ހަމަހަމަ ނިމުމެއް

އެމްޓީސީސީ ރަށްވެހި ޗެލެންޖް 2021 ގައި މިއަދު ކުޅުނު ގްރޫޕް ސްޓޭޖް ފަހުމެޗުގައި ދެޓީމު އެއްވަރުވެގެން ނިމިއްޖެއެވެ. ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ފަހުލަވާނާއި އެން.ވައި.ޖީ ބައްދަލުކުރި މި މެޗު ނި...

02 Jan 2022 | 17:37

އެމްޓީސީސީ ރަށްވެހި ޗެލެންޖް 2021 ގައި މިއަދު ކުޅުނު ގްރޫޕް ސްޓޭޖް ފަހުމެޗުގައި ދެޓީމު އެއްވަރުވެގެން ނިމިއްޖެއެވެ.

ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައިވާ ފަހުލަވާނާއި އެން.ވައި.ޖީ ބައްދަލުކުރި މި މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.

ދެ ޓީމު ވެސް ފައިނަލަށް ގޮސްފައިވުމާއެކު މިއަދުގެ މެޗަށް ނުކުތީ ބަދަލުތަކަކާއެކުގައެވެ. އެގޮތުން ފަހުލަވާނުން މެދުތެރޭ އެންމެ ރަނގަޅު ކުޅުމެއް ކުޅެމުންދާ އަޙުމަދު ނަބީލް އާއި ފަހަތަށް ކުޅެމުންދާ ޞާރިފް ފަދަ ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނާފައެއް ނުވެއެވެ. އަދި އެން.ވައި.ޖީން ވެސް އަޙުމަދު ސާޖިދު ހިމަނާފައެއް ނުވެއެވެ.

މެޗުފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަކުޅުމެއް ފެނިގެން ދިޔައިރު، ލަނޑު ޖަހާނެ ފުރުޞަތުތަކެއް ދެޓީމަށް ވެސް ވަނީ ލިބިފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފަށް ނުކުމެ ލަނޑެއް ޖެހުމަށް ކުރި މަސައްކަތުން ފުރަތަމަ ގޯލެއް ޖަހާ ލީޑުހޯދީ އެން.ވައި.ޖީންނެވެ. މިލަނޑު 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗްގައި ގޯލްޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުނު އަޙުމަދު ރަޝީދު (މާޒިޔާ އަންމަޑޭ)އެވެ. މިގޯލަށްފަހު ވެސް ގޯލް ޖަހާނެ ފުރުޞަތުތައް އެން.ވައި.ޖީއަށް ލިބިގެން ދިޔައެވެ.

ފަހުލަވާނުން ނަތީޖާ ހަމަކުރީ 86 ވަނަ މިނެޓުގައި މެދުތެރެއިން ކެޕްޓަން ޢާދިލް އަލީ ދުއްވާލި ބޯޅައެއް ކުރިއަށް އަރާ ހޯދުމަށް ފަހު ހުސެއިން އިބްތިޝާމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެން.ވައި.ޖީއަށް ގޯލް ޖަހައިދިން އަޙުމަދު ރަޝީދެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ފައިނަލުގައި ވާދަކުރާނީ އެން.ވައި.ޖީއާއި ފަހުލަވާނެވެ.

މުބާރާތުގެ އެކިވަނަތައް ޙާޞިލްކުރާ ކުޅުންތެރިންނަށް ޢިނާމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާއަށާއި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔަކަށް ވޭލް ސަބްމެރިންގެ ފަރާތުން ފްރީ ޑައިވްއެއް މިހާރުވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް