ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އުފަންވީ ރަށަށް ބަލައި ތަފާތު ނުކުރެވޭނެ: ދިޔާނާ

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އުފަންވީ ރަށަށް ބަލާ ތަފާތު ނުކުރެވޭނެ ކަމުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްެޖެއެވެ. ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ...

02 Jan 2022 | 17:36

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި އުފަންވީ ރަށަށް ބަލާ ތަފާތު ނުކުރެވޭނެ ކަމުގައި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްެޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައި މިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ބިން ވިއްކަން އިޢުލާންކޮށްފައި ވާއިރު އެ ބިންތައް ހަމައެކަނި މާލޭގެ ރައްޔިތުންނަށް ގަނެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައި ވާތީވެ، ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމަނާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރަނގަޅު ފެންވަރުގެ ޚިދުމަތް ލިބެން ހުންނަ ތަންތަނުން ބޯހިޔާވަހި ކަމަށް އެދޭ ފަރާތްތައް ގިނަވާނެ ކަމުގައެވެ. އަސާސީ ހައްޤުތަކާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުފަންވީ ރަށުގެ މައްޗަށް ބަލާ ތަފާތު ނުކުރެވޭނެ ކަމުގައި ވިދާޅުވެ، ބޯހިޔާވަހިކަމަކީ އަސާސީ ހައްޤެއް ކަމުގައި ދިޔާނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޤާނޫނޫ އަސާސީގައި އެއްވެސް ދިވެހި ރައްޔިތަކު ތަފާތު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އެކަމަނާގެ ޓްވީޓްގައި ހިއްސާ ކުރައްވާފައި ވެއެވެ.

އެ މާއްދާގައި ބަޔާންކޮށްފައި ވާގޮތުން ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން އެ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

މީގެ އިތުރުން މި ހައްޤުތަކާއި މިނިވަންކަން ލިބުމުގައި، އެ މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެނެއްނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެެވެ.

ތިން އަހަރަށް ފަހު (ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން) އެޗްޑީސީން ހުޅުމާލެ އިން ބިން ވިއްކަން ހުޅުވާލާފައި ވާއިރު އިއުލާނުކޮށްފައި ވަނީ ބީލަމުގެ އުސޫލުން ހުޅުމާލޭގެ ފޭސް 2 އިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށެވެ. އަދި މި ބިންތައް ހަމައެކަނި މާލޭގެ ރަށްވެހިންނަށް ގަނެވޭގޮތަށް އުސޫލަށް ބަދަލު ގެނެސްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް