އެމެރިކާގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަންގެ އާއިލާއިން މުޅިން އާ ރިއަލިޓި ޝޯއެއް ފަށަން އުޅޭކަން އިއުލާނުކޮށްފި އެވެ.
މިދުވަސްކޮޅު މުޅި އާއިލާ ތިބީ ރިއަލިޓީ ޝޯ “ކީޕިން އަޕް ވިތް ކާޑޭޝަން” ނިންމާލުމަށް ފަހު ވަރަށް ހަމަޖެހިލައިގެންނެވެ. އެ ޝޯ ނިންމާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި އެވެ.
އާ ޝޯގެ ނަމަކީ "ދި ކާޑޭޝަން" އެވެ. މި ޝޯ ހަދާކަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކިމްގެ އާއިލާއިން ވަނީ އިއުލާނުކޮށްފަ އެވެ.
“ކީޕިން އަޕް ވިތް ކާޑޭޝަން” އެކޭ އެއްގޮތަށް އަލަށް ފަށާ ރިއަލިޓީ ޝޯއަކީވެސް އެ އާއިލާގެ މެމްބަރުންގެ ދިރިއުޅުމުގެ ކަންކަމަށް އަމާޒުކޮށް ގެނެސްދޭ ޝޯއެކެވެ. މި ޝޯގައިވެސް ކިމް އާއި އެކު އޭނާގެ މަންމަ ކްރިސް އާއި، ދައްތައިންނާއި ކޮއްކޮއިން ކަމަށްވާ ކައިލީ، ކެންޑަލް، ކޯޓްނޭ އަދި ކްލޯއީ ފެނިގެންދާނެ އެވެ.
އަލަށް ފަށާ ޝޯގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު ޓީޒާއިން މި އެންމެން ފެނިގެންދެ އެވެ. "ދި ކާޑޭޝަން" އުފައްދަނީވެސް ހޫލޫ ޕްރޮޑަކްޝަން އާއި ގުޅިގެންނެވެ. އެ ޕްރޮޑަކްޝަންގެ ރަސްމީ އިންސްޓަގްރާމްގައި ބުނެފައިވަނީ ވަރަށް އަވަހަށް ޝޯ ފަށާނެ ކަމަށާއި އެމެރިކާ ނޫން ގައުމުތަކަށް އެ ޝޯ ފެންނާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ކަމަށެވެ.
އަލަށް ފަށާއި ޝޯގައި ފެންނާނީ “ކީޕިން އަޕް ވިތް ކާޑޭޝަން” ނިންމާލި އިރު އެމީހުންގެ ދިރިއުޅުނުން ގޮސްފައިވާ ހިސާބުން ފެށިގެން ކަމަށްވެ އެވެ. އެގޮތުން ކިމް އާއި ފިރިމީހާ ކެންޔޭ ވެސްޓުގެ ވަރިއާއި، ކައިލީއަށް ދެ ވަނަ ދަރިފުޅު ލިބުމާއި ކޯޓްނޭގެ އެންގޭޖްމެންޓުގެ އިތުރުން ކިމްގެ އާ ލޯބިވެރިޔާ ކަމަށްވާ ޕީޓާ ޑޭވިޑްސަންގެ ވާހާކަތައް ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.
2007 ވަނަ އަހަރު ފެށި “ކީޕިން އަޕް ވިތް ކާޑޭޝަން” ނިންމާލީ ކާމިޔާބު 20 ސީޒަނަށް ފަހު އެވެ. އެ ޝޯ އާއި އެކު އެ އާއިލާގެ ހުރިހާ އެންމެންނަކީ ކާމިޔާބު ވިޔަވާރިވެރިންނަށްވެ މުޅި ދުނިޔެއަށް މަޝްހޫރުވުމުގެ އިތުރުން މަޝްހޫރު މޮޑެލުންނަށްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް