އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ރޮކެޓު ހަމަލާތަކެއް ދީފި އެވެ.
ރޭ ފަތިހު މި ހަމަލާތައް ދީފައިވަނީ ހަމާސް ޖަމާއަތުގެ ރޮކެޓާއި އެނޫންވެސް ހަތިޔާރު އުފައްދާ ސައިޓަކަށް އަމާޒުކޮށެވެ. މި ހަމަލާތަކުގައި މީހަކަށް ގެއްލުންވިކަމެއް ނުވަތަ ތަކެއްޗަށް ގެއްލުންވި ކަމެއް ހަމާސްއިން ހާމައެއް ނުކުރެ އެވެ.
މި ހަމަލާތައް ދިފާއުކޮށް އިސްރާއީލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާތަކަކީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ހަމާސްއިން އެ ގައުމުގެ ތަލްއަވިވް ސިޓީ ހިމެނޭ ރަތް ކަނޑުގެ ސަރަހައްދަކަށް ރޮކެޓު ހަމަލާތަކެއް ދީފައިވާތީ ކަމަށެވެ.
އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އިއްޔެ ހަމާސްއިން ދިން ރޮކެޓު ހަމަލާތަކާއި ގުޅިގެން އެ ޖަމާއަތުން އެއްޗެސް ނުބުނި ނަމަވެސް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެ ހަމަލާތަކަކީ ރޮކެޓުތަކެއް ޓެސްޓު ކުރުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ހަމާސްއާއި ހަވާލާދީ ބުނެފައިވާ ކަމަށެވެ.
އިސްރާއީލުން ބުނީ އެމީހުންގެ ބޯޑަރު ހުރަސްކުރާ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށެވެ. އަދި ގާޒާއަށް ދިން އެ ހަމަލާތަކުގެ ޒިންމާ އިސްރާއީލުން ވަނީ ހަމާސްގެ ބޮލުގައި އަޅުވާފަ އެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކެއްގައި އިސްރާއީލް މީހަކަށް އަނިޔާވުމުން ބަދަލުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޒަހަމް ކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް