ރައީސް ޔާމީންގެ ޝަރީޢަތް މި މަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ  ޝަރީޢަތް މި މަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. މިއީ ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓ...

02 Jan 2022 | 09:52

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ  ޝަރީޢަތް މި މަހުގެ 13 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

މިއީ ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވާ އިރު، ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ.

މިއަދުގެ އަޑުއެހުން ފެށުމުން، ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ މިމައްސަލައިގެ ބައެއް ލިޔެކިޔުން މިއަދު ލިބުމުން، ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ.

މިވާހަތަކަށްފަހު އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހައްގުތައް ކަށަވަރުކުރުމަށާއި ދައުވާ ސާފުކޮށްދިނުމަށް މިމަހުގެ 13 އަދި 27 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ބާއްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާއެވެ. އަދި ދެވަނަ ދައުވާއެއްގެ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް