އެމް.ޑަބްލިޔު.އެސް.ސީގެ ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްފި

އެމް.ޑަބްލިޔު.އެސް.ސީގެ ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްފިއެވެ. އެމް.ޑަބްލިޔު.އެސް.ސީއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވ...

02 Jan 2022 | 09:42

އެމް.ޑަބްލިޔު.އެސް.ސީގެ ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް އެރަށުގައި 35 ކޭ.ޑަބްލިޔު.ޕީ ސޯލާ ޕަވަރ ސިސްޓަމެއް މިހާރުވަނީ ހަރުކޮށްފައެވެ.

މީީގެ ކުރިންވެސް ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި 48 ކޭ.ޑަބްލިޔު.ޕީ ގެ ސޯލާ ޕަވާރ ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޝަންގެ ބޭނުންތަކަށް އިޔާދަ ކުރަނިވި ހަކަތައިން ދަނީ ކަރަންޓް އުފައްދަމުންނެވެ.

އެހެންކަމުން އަލަށް ހަރުކުރެވުނު މި ސޯލަރ ޕަވާރ ސިސްޓަމާއެކު، ރ.ދުވާފަރުގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ޖުމްލަ 83 ކޭ.ޑަބްލިޔު.ޕީގެ ސޯލާ ޕަވަރ އަށް ވަނީ އިތުރުކުރެވިފައެވެ.

2012 ވަނަ އަހަރުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ އޮޕަރޭޝަންތަކުގައި ހަކަތަ ބޭނުން ކުރުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައި، ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެ، ހުޅުމާލެ، މާފުށި، ކުޅުދުއްފުށި އަދި ރ. ދުވާފަރު ހިމެނޭހެން އެމްޑަބްލިޔުއެސްސީގެ އެކިއެކި އޮޕަރޭޝަން ސެންޓަރ ތަކުގައި ދަނީ އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަމުންނެވެ.

މިގޮތުން 578 ކޭ.ޑަބްލިޔު.ޕީގެ އިޔާދަ ކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލްކަން މިއަދު އެ ކުންފުނިން ހޯދާފައި ވެއެވެ.

އެހެންކަމުން މި މަސައްކަތާއެކު، ރާއްޖޭގައި އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ހާސިލްކުރުމަށް މަގުފަހި ވެގެންދާނެއެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން ހާމަ ކުރާ ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނީގެ އޮޕަރޭޝަން ތަކުގައި އިޔާދަކުރުވަަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކޮށް، ކުންފުނިން ދެމުން ގެންދާ ޚިދުމަތްތައް ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެމުން ގެންދިޔުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް