ހުޅުމާލޭން ވިއްކަން އިއުލާނުކޮށްފައިވާ ބިންތައް މާލޭ މީހުންނަށް ހާއްސަކޮށްފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވިއްކަން އިއުލާނުކޮށްފައިވާ ބިންތައް މާލޭ މީހުންނަށް އެކަނި ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރީ ބީލަމުގެ އުސ...

02 Jan 2022 | 08:27

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ވިއްކަން އިއުލާނުކޮށްފައިވާ ބިންތައް މާލޭ މީހުންނަށް އެކަނި ވިއްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކުރީ ބީލަމުގެ އުސޫލުންދެވަނަ ފިޔަވަހީގެ ބިމުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިން ވިއްކާށެވެ. މި ބިންތަކަކީ އަތިރިމައްޗާއި ކައިރިން އަދި އަތިރިމަތީ ކުރިމަތިން ދޫކުރާ ބިންތަކެކެވެ.

ބިން ގަންނަން އެދޭ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ކަމަށް އެޗްޑީސީން ކުރިން އިއުލާނުކޮށްފައިވަނީ މާލެ ސަރަހައްދުގައި600 އަކަފޫޓުގެ ބިމެއް ނެތުމާއި އެއް ފަރާތަކަށްވުރެ ގިނަ ފަރާތަކަށް ރެޖިސްޓްރީ ކޮށްފައި ބިމެއް އޮތް ނަމަ އެމީހަކަށް ކަނޑައެޅިފައިވާ ބިމުގެ ބޮޑުމިނުގައި600 އަކަފޫޓު ނެތުން ހިމެނެ އެވެ.

ހުޅުމާލޭގެ އެއްވެސް ފޭސްއަކުން އެއަށްވުރެ ކުޑަބިމެއް ގަނެފައިވާ ފަރާތަކަށްވެސް މި ބިންތައް ގަތުމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. އެޗްޑީސީން ބުނީ މީހަކަށް ކުރިމަތި ލެވޭނީ އެންމެ ބިމަކަށް ކަމަށެވެ.

މި އުސޫލަށް ބަދަލު ގެނެސް މިހާރު ވަނީ ބިން ގަންނަ ފަރާތަކީ މާލޭގެ ރެޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުން ހިމަނާފަ އެވެ.

އެޗްޑީސީން ބުނީ ބީލަމަށް އެދޭ ފޯމު ވިއްކާނީ މިމަހުގެ 31 ގެ ނިޔަލަށް [email protected] އަށް މެއިލް ކުރާ މީހުންނަށް ކަމަށެވެ. އަދި ފެބްރުއަރީ ތިން ވަނަ ދުވަހުގެ ހަވީރު 3:30 ގެ ކުރިން އެ މެއިލް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ސާފުކުރެވޭނެ އެވެ.

ދެވަނަ ފިޔަވަހިން ބިން ގަންނަ މީހުންގެ ބީލަން ފޯމު ހުށަހެޅުން އޮތީ ފެބްރުއަރީ، 9 އަދި 16 ގައި “ބީޗް ފްރަންޓް” ގައި 9:00 އިން 12:00 އާ ހަމައަށެވެ. އެ ވަގުތު ބީލަށް ހުށަހެޅުމަށް ނަމްބަރު ދޫކުރާއިރު ބީލަން ފޯމު ހުށަހަޅަން ޖެހޭ ތަނުގެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ބީލަން ފޯމު ހުށަހަޅަން ހާޒިރުވާ މީހުންގެ ކުރިމަތީގައި ބީލަން ހުޅުވުމަށް ފަހު، އަކަފޫޓަކަށް ބީލަން ފޯމުގައި ހުށަހަޅާފައިވާ އަގު އިއުލާންކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް