ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ...

02 Jan 2022 | 07:23

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.

މި މައްސަލައިގަ ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ އާއި އެކު މި މައްސަލައިގަ ހައްޔަރުކޮށްފައި ހުރީ ލޯބިވެރިޔާ ކަމަށް ބުނާ މޭރީގެ ފިރިމީހާ މާވިން އެވެ.

މި މައްސަލައިގަ ލަމްހާގެ ބަންދުގެ މުއްދަތު މިދިޔަ މަހު 17 ވަނަ ދުވަހު ޖަހާފައިވަނީ1 5 ދުވަހަށެވެ. އޭނާގެ ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވާތީ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިތުރު15 ދުވަސް ޖަހައިދީފަވެ އެވެ.

މި މައްސަލައިގަ ފުލުހުން ލަމްހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ހިމެނެ އެވެ. އަދި ކުށެއް ކުރަން އުޅުން، ކުށެއް ކުރުމަށް އެދުން، ކުށް ކުރުމަށް ރޭވުން، ކުށްކުރުމުގެ އާލާތް އަތުގައި ހުރުން، އަދި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތު ހިމެނެ އެވެ.

މޭރީގެ މަރުގެ މައްސަލައިގަ ލަމްހާ އާއި މާވިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް ފޮނުވާފަ އެވެ. މާވިންއަށް ފުލުހުން ކޮށްފައިވަނީ މޭރީ މަރާލި ކަމުގެ ތުހުމަތެވެ. މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ.

މޭރީގެ މަރާމައި މެދު ޝައްކު އުފެދުނީ ދަން ޖެހިގެން މަރުވީ ކަމަށް ބުނެ މާވިން އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔަ އިރު ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް މޭރީގެ ގައިން ފެންނަން ނެތުމުންނެވެ. އަދި ދަން ޖެހުނު ކަމަށްބުނާ ތަން މާވިން ސާފު ކުރި ކަމަށް ބުނުމާއި ދަން ޖެހުނު ތަންކަމަށް ބުނާ ކޮޓަރީގައި ދަންޖެހެވޭނެ ގޮތެއް ނެތުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް