ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ނުހައްގުން ދައުވާތައް އުފުލަމުންދާތީ ކަންބޮޑުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ ވ. އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފައި ވަނިކޮށެވެ.
ޑރ. ޖަމީލު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުޙައްޤު ދަޢުވާތަކާމެދު ކަންބޮޑުވާ ކަމަށެވެ. އަދި މިދިޔަ 3 އަހަރު އިންސާފް ޤާއިމްކުރަނީއޭ ބުނެ މިނޫން ކަމެއް ކުރެވިއްޖެތޯ؟ ވެސް ސުވާލު ކުރައްވާފައިވެއެވެ.
މީގެ އިތުރުން އިންސާފްގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަންޖެހޭ ކަމަށާއި މިފަދަ ޢަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށް ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.
https://twitter.com/MJameelAhmed/status/1477492254986031105
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑްރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފައެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަމަށް ބުނާ މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
އާރަށުގެ އަގުގެ ގޮތުގައި ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާފައިވާ ކަަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް މިފަހަރު ކޮށްފައިވަނީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ތުހުމަތުގެ ދައުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް