އަންހެނުންގެ ހައްގުތަކަށް އަރައިގެންނަމުން ހުޅަނގުގެ އެހީ ހޯދަން އުޅޭތީ ތޯލިބާނުންނަށް ފާޑުކިޔުން!

ބޭރު ގައުމުތަކުގައި ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ ފައިސާތައް ދޫކުރަން ޑިމާންޑުކޮށް ހުޅަނގުގެ ގައުމުތަކުން އެހީ ހޯދަން މަސައްކަތް ކުރާއިރު ތޯލިބާނުން އަންހެނުންނާއި މެދު އަމަލު ކުރަމުންދާ ހަރުކަ...

02 Jan 2022 | 05:54

ބޭރު ގައުމުތަކުގައި ހިފަހައްޓާފައި ހުރި އަފްގާނިސްތާނުގެ ފައިސާތައް ދޫކުރަން ޑިމާންޑުކޮށް ހުޅަނގުގެ ގައުމުތަކުން އެހީ ހޯދަން މަސައްކަތް ކުރާއިރު ތޯލިބާނުން އަންހެނުންނާއި މެދު އަމަލު ކުރަމުންދާ ހަރުކަށި ގަވައިދުތަކުން ފާޑުކިޔުން އަމާޒު ކުރަން ފަށައިފި އެވެ.

އަފްގާނިސްތާނުގެ މިނިސްޓްރީ އޮފް އިސްލާމިކް ގައިޑަންސްއިން އިން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަންހެނުންނަށް ހާއްސަކޮށް ހަރުކަށި ގަވައިދުތަކެއް ދަނީ ހަދަމުންނެވެ. އޭގެ ތެރޭގައި މަހުރަމަކާއި ނުލައި ދިގު ދަތުރު ކުރުން މަނާކޮށްފައިވާއިރު މޫނު ބުރުގާ އަޅައިގެން ނޫނީ ޓެކްސީ ހިދުމަތް ނުހޯދުމާއި އެކު މޫނު ބުރުގާ ނާޅާ މީހުން ޓެކްސީތަކަށް އެރުވުން ވަނީ މަނާކޮށްފަ އެވެ.

އަދި ކާރާއި ކައިވެނި ހަފްލާތަކުގައި ލަވަ ޖެހުން މަނާކޮށްފައިވެ އެވެ. މީގެ އިތުރުން ކައިވެނި ހަފްލާތަކުގައި ދެ ޖިންސަށް ވަކި ހޯލްތައް ހަމަޖެއްސުމަށް އަންގާފައިވެ އެވެ.

މި ގަވައިދުތައް ހަދައި އާންމު ކުރަމުން އެމީހުން ފައިސާ ދޫކޮށްލުމަށް އެމެރިކާއަށް ޑިމާންޑުކޮށް ބޭރުގެ އިންސާނީ އެހީއާއި ފައިސާގެ އެހީ އަފްގާނިސްތާނަށް ހޯދުމަށް ތޯލިބާނުން މަސައްކަތް ކުރާތީ ދަނީ ފާޑުކިޔަމުންނެވެ.

ތޯލިބާނުން ވެރިކަމަށް އެރުމުން އެމެރިކާއިން ވަނީ އެގައުމުގެ ކޮންޓްރޯލްގެ ދަށުގައި ހުރި އަފްގާނިސްތާނުގެ ރިޒާވްގެ ނުވަ ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހިފަހައްޓާފަ އެވެ. އަދި އެ ދޫކުރާނީ ތޯލިބާނުން އެމީހުންނާއި އެކު އެބަސްވިގޮތަށް އަމަލު ކުރާ ކަމުގެ ޔަގީންކަން ލިބުމުން ކަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ތޯލިބާނުން އަންހެނުންނާއި މެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ގައުމު ހިންގުމުގައި ދޭންޖެހޭނެ ކަމަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޑިމާންޑުކޮށްފައިވެ އެވެ. އޭރު ތޯލިބާނުން މިކަންކަމަށް އެއްބެ ވެރިކަމަށް އެރުމަށް ފަހު ބުނެފައިވަނީ މިފަހަރު އެމީހުން ކުރާނީ ތަފާތު ވެރިކަމެއް ކަމަށެވެ.

އެކަމަކު ދިމާ އިދިކޮޅަށް ކަންކޮށް އަންހެން ކުދިން ތައުލީމުން މަހުރޫމުކޮށް، ވަކި ވަޒިފާތަކެއް އަދާ ނުކުރެވޭ ގޮތް ހަދައި ކުޅިވަރު ކުޅުން މަނާ ކުރުމުން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް ފިޔަވަޅުތައް އެޅުމަށްފަހު އެހީއާއި ފައިސާތައް ހޯދަން ޑިމާންޑު ކުރުމަކީ މިހާރު ހާލުގައި ޖެހިފައި ތިބި އަފްގާން ރައްޔިތުންނާއި މެދު ތޯލިބާނުންގެ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތްކަން ހާމަވާކަމެއް ކަމަށް ބުނެފައިވެ އެވެ.

އަފްގާނިސްތުގެ ވެރިކަމަށް ތޯލިބާނުން އެރި ފަހުން ގައުމު ހިންގަން ބޭނުންވާ އެހީއާއި ފައިސާ ނުލިބުމުގެ ސަބަބުން އާންމުންނަށް ބޭނުންވާ ސިއްހީ ހިދުމަތާއި ކާބޯތަކެތި ހޯދޭނެ މަގާއި އެނޫންވެސް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ރައްޔިތުންދަނީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންނެވެ.

އދ. އިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން ބައިނަލްއަގުވާމީ ގައުމުތަކާއި ޖަމިއްޔާތަކަށް މެދުކެނޑުމެއްނެތި އެ ގައުމަށް އެހީ ނުވެއްޖެ ނަމަ މިއަހަރު ނިމޭއިރު 38 މިލިއަން އަފްގާން ރައްޔިތުން ފަގީރުވެ ހައިހޫނުކަން ތަހައްމަލް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް