ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާގައި ބައިވެރިވި 65 ޕަސެންޓު މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އެ ހަފްލާގައި 120 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އެ ކައިވެނި ހަފްލާ އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
އެޗްއީއޯސީން ބުނީ ކައިވެނި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް 78 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ހައިރިސްކް ކެޓަގަރީގެ މީހުން ހިމެނޭ ކަމަށް ބުންޏެވެ.
އަދި ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި މިހާތަނަށް 300 އާއި ގާތްކުރާ އަދަދަކަށް މީހުން ދެނެގަނެވިފައިވާ ކަމަށެވެ. މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން ޕޮސިޓިވްވި އަދަދު ހުރީ 67 ގައި އެވެ. އަދި ގުޅުންހުރި މީހުންގެ އަދަދަކީ 229 އެވެ.
މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް