އެކުގައި ދިރިއުޅޭތާ އެތަށް ދުވަހެއް ފަހުން ކުރިން އެނގިފައިނެތް ކިތަންމެ ކަމެއް އެނގިގެން އެކަމާ ހިތްހަމަނުޖެހިގެން ނުވަތަ އެނޫންވެސް ސަބަބާހެދި ވަކިވާންޖެހޭ ބައިވެރިން އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. އެހެންކަމުން ތިބާގެ ދިރިއުޅުމުގައި ބައިވެރިއެއް އިޚްތިޔާރުކުރާއިރު ވަރަށް ބޮޑަށް ބަލަންޖެހެއެވެ.
އިތުބާރު ކުރުން
އެކުގައި ދިރިއުޅުމެއް އުޅެވޭނީ އިތުބާރުކުރެވޭ މީހަކާއެކުގައެވެ. އިތުބާރުނުކުރެވޭނަމަ އަބަދުވެސް މައްސަލަޖެހޭތަން އާދެއެވެ. އެކަކު އަނެކަކަށް އިތުބާރުކޮށް އަނެކާގެ އިތުބާރު ހިފެހެއްޓުމުގެ ސަބަބުން ދިރިއުޅުން ބާއްޖަވެރިވެ ދިގުދެމިގެންދެއެވެ. އެހެންކަމުން ނުރުހޭ ކަމެއް ދިމާވިޔަސް ބައިވެރިޔާއަށް އެކަން ނުފޮރުވާ ތެދަށް ކިޔައިދޭތޯ ބަލާށެވެ. ކަންތައްތައް ފޮރުވައިގެން ދޮގުހަދައިގެން އުޅޭނަމަ އަވަހަށް އެމީހެއްގެ ކިބައިން ދުރަށްދިޔުން ވަރަށް މުހިންމެވެ.
ވަޤުތު ދިނުން
ބައިވެރިޔާއަށް ތިބާ މުހިންމުނަމަ ކޮންމެ ދުވަހަކުވެސް ބައިވެރިޔާގެ ބިޒީ ޝެޑިއުލްއިން ވަގުތެއް ހޯދާނެއެވެ. ދުރުގައި ހުންނަނަމަ ގުޅައި ހާލުބަލާނެއެވެ. މާ ގިނައިރު ވާހަކަ ނުދެއްކުނު ނަމަވެސް ކޮންމެވެސް ވަގުތެއް ހޯދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ ކަންތައްތައް ނުވަތަ ކުރާހިތްވާ ކަންތައްތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ހުސްކުރާނެއެވެ. އެއީ އެކަމުން އޭނާއަށް ހިތްހަމަޖެހުން ލިއްބައިދޭތީއެވެ. އެހެންކަމުން ބައިވެރިޔާ ތިބާއާމެދު ހަގީގަތުގައި ލޯބިވާނަމަ ކޮންމެވެސް ވަގުތެއް ދޭނެއެވެ. ލޯބިވާކަން ފާޅުކުރާނެއެވެ. އުފާކޮށްދޭން ކަންކަން ކޮށް އުޅޭނެއެވެ. މިއިން ކަމެއް ބައިވެރިޔާ ފަރާތުން ނުފެންނަ ނަމަ ބައިވެރިޔާއާ ވާހަކަދެއްކުން ވަރަށް މުހިންމެވެ.
އިހުތިރާމް ކުރުން
ދިރިއުޅުމުގައި ކަންތައްތައް ދިމާވާނީ އަބަދު އެއްގޮތަކަށް ނޫނެވެ. އުފާވެރިކޮށް ފެންނަން ހުންނަ މީހާގެ ދިރިއުޅުމުގައިވެސް ދެރައާއި ރުޅީގެ ބައިވެސް ހިމެނޭނެވެ. އެހެންކަމުން ނުރުހޭ ވަގުތުތަކުގައިވެސް އެކަކު އަނެކަކަށް އިހުތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާ ތިބާއަށް އިހުތިރާމް ނުކުރާނަމަ އެއީ މައްސަލައެކެވެ. ކަމެއް ދިމާވުމުން އައިސް ތަޅާފޮޅާނަމަ އެއީ މައްސަލައެކެވެ. ގޯސް ކަމެއް ނުކުރިއަސް އަބަދު ކަންކަން މަނާކޮށް މާ ބޮޑަށް ހިފަހައްޓާމަ އެއީ މައްސަލައެކެވެ. ރައްޓެހިންގެ ކުރިމަތީގައާއި އާއިލާ މީހުންގެ ކުރިމަތީގައި ތިބާގެ އަގުވެއްޓޭފަދަ ވާހަކަ ދައްކާނަމަ އެއީ މައްސަލައެކެވެ. މިފަދަ ކަންތައްތައް ތަކުރާރުވާނަމަ އަވަހަށް ހައްލެއް ހޯދަން މަސައްކަތް ފަށާށެވެ. ދިރާސާތަކުން ދައްކާގޮތުގައި ތިބާދެކެ ހަގީގީ ލޯބިވާމީހުން ތިބާއަށް ހެޔޮ އެދޭނެއެވެ.
ވާހަކަދެއްކުން
ބައެއް މީހުންނަކީ އުފެދުމުގައިވެސް ވަރަށް ބަސް މަދު ބައެކެވެ. އަނެއްބައި މީހުންނަކީ ވާހަކަ ހުއްޓާނުލާ އަބަދު ވާހަކަ ދައްކާ ބައެކެވެ. ބަސް މަދު މީހާވެސް ވާހަކަދެއްކުމުގައި އޭނާ އިހުތިޔާރުކުރާ ކޮންމެވެސް އުސޫލެއް އޮންނާނެއެވެ. މިސާލަކަށް މެސެޖުން ވާހަކަ ދައްކާފާނެއެވެ. ނުވަތަ ވަކި ވަގުތެއްގައި ވާހަކަ ދައްކާފާނެއެވެ. ބައެއް މީހުން މީހުން މަދުވެ ހިމޭންވުމުން ވާހަކަ ދައްކާއުޅެއެވެ. ބައިވެރިޔާ ތިބާއާ ހިއްސާކުރާނެ އެއްވެސް ވާހަކައެއް ނެތި ހަފުތާ ދެ ހަފުތާ ވޭތުވާނަމަ ބައިވެރިވާ ކަންތައްތައް ހިއްސާކުރާ އެހެން މީހަކު ހުންނަނީކަމުގައިވެސް ވެދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ މީހަކުވެސް އޭނާގެ ކަންތައްތައް ހިއސާކުރާނީ އޭނާއަށް އިތުބާރުކުރެވޭ އަދި ހިއްސާކުރަން ފަސޭހަ މީހަކާއެވެ. ތިބާއަށް އެފަދަ މީހަކަށް ވެވިއްޖެނަމަ ހިއްސާ ނުކުރަންވީ ސަބަބެއް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް