ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ މަސައްކަތް ކޯވިޑް-19ގެ ލޮކްޑައުނާއި ގުޅިގެން މިދިޔަ އަހަރު ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ގެންދެވިފައެއް ނުވެ އެވެ. ލޮކްޑައުން ތެރޭގައި ބައެއް ފިލްމުތައް ރިލީޒް ކުރީ އޮންލައިކޮށެވެ.
ކޯވިޑާއި ގުޅިގެން ބޮލީވުޑަށް އަލަށް ތައާރަފުވާން ހަމަޖެހިފައި އޮތް ބައެއް ފާހަގަ ކޮށްލެވޭ މޫނުތައްތައާރަފުވުންވެސް އޮތީ ފަސްވެފައި އެވެ. ތިރީގައި އެވަނީ އޭގެ ތެރެއިން މިއަހަރު ބޮލީވުޑުން އަލަށް ފެނިގެންދާނެ ފާހަގަ ކޮށްލެވޭ އާ ތަރިންނެވެ.
އެ ތަރިންނާއި މެދު ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކުން ބުނަމުންދާއިރު ސަޕޯޓަރުން ތިބީ އެ ތަރިންގެ އެކްޓިން ބަލާލާ ހިތުން ކެއް މަދުވެފައި އެވެ.
މަނޫޝީ ޗިއްލަރު: އުމުރުން 23 އަހަރުގެ މަނޫޝީ ވަނީ 2017 ވަނަ އަހަރުގެ މިސް ވޯލްޑުގެ މަގާމު ހޯދާފައި އެވެ. އޭނާ ބޮލީވުޑަށް މިއަހަރު ތައާރަފު ވާނީ ފިލްމު "ޕްރިތްވިރާޖް" އިންނެވެ. އެ ފިލްމުގައި މަނޫޝީ އާއި އެކު ލީޑްރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ.
އަހާން ޝެޓީ އަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅެވެ. އަހާން ބޮލީވުޑަށް ތައާރަފު ވާނީ ފިލްމު "ތަޑަޕް" އިންނެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ރިލީޒް ކުރި ޓެލެގޫ ފިލްމު " އާރުއެކްސް 100" ގެ ރިމޭކެވެ. މި ފިލްމުގައި އަހާން އާއި އެކު ލީޑްރޯލުން ފެނިގެން ދާނީ ތާރާ ސުތާރިއާ އެވެ.
ރަޝްމިކާ މަންދަނާ އަކީ ބޮލީވުޑަށް އަލަށް ތައާރަފުވާ ތަރި އަކަށް ވިޔަސް އިންޑިއާގެ އެހެން ބަސް ބަހުން ނެރޭ ފިލްމުތަކުގައި އޭނާ އަކީ ވަރަށް މަޝްހޫރު މީހެކެވެ. ރަޝްމިކާ ވަނީ ޓަމިލް ޓެލެގޫ ކަންނާޑާ ފިލްމުތަކުން އާންމުންގެ ލޯބި ހޯދާފައި އެވެ. ބޮލީވުޑަށް ރަޝްމިކާ ތައާރަފުވާނީ މިއަހަރު ރިލީޒް ކުރާ "މިޝަން މަންޖޫ" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު ލީޑްރޯލުން ފެނިގެން ދާނީ ސިދާތް މަލޯތްރާ އެވެ.
ނަމަޝީ ޗަކްރަބަތީ އަކީ ކުރީގެ ބޮލީވުޑްގައި ސުޕާ ހިޓް ފިލްމުތަކެއް ކުޅެފައިވާ މިތުން ޗަކްރަބަތީގެ ފިރިހެން ދަރިފުޅެވެ. އޭނާ ބޮލީވުޑަށް ތައާރަފުވާނީ މިއަހަރު ރިލީޒް ކުރާ "ބޭޑް ބޯއީ" އިންނެވެ. ބަތަލާ އަރްމިން ގުރޭޝީ އާއި އެކު ލީޑްރޯލުން ފެނިގެންދާ މި ފިލްމަކީ ހެއްވާ މަޖާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް