އަދާލަތު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުން މި މަހުގެ 23 ގައި

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ  އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ...

02 Jan 2021 | 06:19

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ  އެ ދުވަހު އޮންނަ ރިޔާސީ އިންތިހާބަކީ އެ ޕާޓީގެ ދުސްތޫރުގެ 41.1 ވަނަ މާއްދާގެ (ށ) އަދި 41.3 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަންބަރުގެ ދަށުން ބާއްވާ އިންތިހާބެއް ކަމަށެވެ. އެ ދުވަހުގެ އިންތިހާބުގައި އޮންނާނީ ތިން ވަނަ ދައުރަކަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމެވެ.

އެ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތި ލުމުގެ ފޯމާއި ކުށުގެ ރެކޯޑު ބެލުމަށް އެދޭ ފޯމު މިހާރު އޮންލައިންކޮށް ދޫކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

ބެލެވޭ ގޮތުގައި އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު ބާއްވާނީ އޮންލައިންކޮށެވެ. އެ ޕާޓީން ބުނީ ރިޔާސީ އިންތިހާބާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3342671 ނަމްބަރު ފޯނަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު އަދާލަތުން ވަނީ އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބު ކުރުން އޮންލައިންކޮށް ކުރިޔަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް