ގައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި، އިންސާފު ގާއިމްކޮށްގެން: އާދަމް ޝަރީފު

ގައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއި އެކު އިންސާފު ގާއިމްކޮށްދީގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ. އާ އަހަރު ފެށުމާއި ގުޅިގެން ރައީސް ދެއްވި ހިތ...

02 Jan 2021 | 05:53

ގައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއި އެކު އިންސާފު ގާއިމްކޮށްދީގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމާއި ގުޅިގެން ރައީސް ދެއްވި ހިތޯބަށް ރައްދުދެއްވައި އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައްސަލަތައް ހައްލު ކުރުމުގެ ނަމުގައި މި ސަރުކާރުން ދަނީ ހިޔާލު ތަފާތުވާ މީހުުންގެ ކިބައިން ބަދަލު ހިފަމުން ކަމަށެވެ. އޭނާ ވިދާޅުވީ ހަމަ އެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް ޝަރީއަތްތައް ހިންގުމަކީ މި ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު އަމަލެއް ކަމަށެވެ.

އާދަމް ޝަރީފުގެ ޓުވީޓުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މި ސަރުކާރަށް ނިސްބަތްވާ އެތައް ބަޔަކު ހިމެނޭއިރު އެއިން އެއްވެސް މީހަކަށް ދައުވާ ކުރަން ނުފޮނުވާ ކަމަށެވެ. އެކަމުން ދޭހަވަނީ މި ސަރުކާރުގައި ހަމަހަމަކަން ނެތް ކަން ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާ ލިބޭ ބައެއް މީހުންނާއި އެކު ދައުލަތުން އެއްބަސްވުންތައް ހަދަނީ ހިޔާނާތުގައި ހިމެނޭ ވަކި ނަންތަކެއް ފޮރުވުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ ނުހައްގު އަނިޔާ ދޭން ހެކި ހޯދުން ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

https://twitter.com/Adamshareefz/status/1345235990927921152

އެމްއެމްޕީއާރުސީގެ މައްސަލައިގަ ދައުވާ ލިބޭ މީހުންގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އެކު ދައުލަތުން ވަނީ އެއްބަސްވުން ހަދާފައި އެވެ. މި އެއްބަސްވުމުގެ ދަށުން އެ ދެ ބޭފުޅުންނާއި ދެކޮޅަށް ކުރި ހުރިހާ ދައުވާ ތަކަކަށް ޝަރީއަތުގައި ވަނީ އެއްބަސްވެފައި އެވެ.

ދައުވާތަކަށް އެއްބަސްވުމުން އަދީބަށް ކުށްތަކުގެ އަދަބުގެ ގޮތުގައި އައިސްފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ޒިޔަތަށް އައިސްފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

ޒިޔަތު މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭ ބަންދުގައި ހުންނަވައިގެންނެވެ. ހޯމް މިނިސްޓްރީން ބުނީ އަދީބު ގޭ ބަންދަށް ބަދަލު ކުރީ މެޝިނެއްގެ އެހީގައި ނިދަން ޖެހޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް