"ބައިވެރިޔާ" އަނެއްކާވެސް އޮލިމްޕަސް ސްކްރީނަށް އަންނަނީ

ނިމިދިޔަ 2016 ވަނަ އަހަރު ރިލީޒްވި ދިވެހި ފިލްމުތަކުގެ ތެރެއިން، ގިނަ ބަޔަކު ހެއްވާލި އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެއް ފިލްމަކީ ދިވެހި ފިލްމު "ބައިވެރިޔާ" އެވެ. ފިލްމުގެ އެންމެ ފަހު ޝޯވ 30 ޑި...

02 Jan 2017 | 10:54

ނިމިދިޔަ 2016 ވަނަ އަހަރު ރިލީޒްވި ދިވެހި ފިލްމުތަކުގެ ތެރެއިން، ގިނަ ބަޔަކު ހެއްވާލި އަދި ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި އެއް ފިލްމަކީ ދިވެހި ފިލްމު "ބައިވެރިޔާ" އެވެ.

ފިލްމުގެ އެންމެ ފަހު ޝޯވ 30 ޑިސެމްބަރ 2016 ގައި އަޅުވާފައިވާ އިރު، ފިލްމަށް ލިބުނު ބޮޑު ތަރުޙީބެއްގެ ސަބަބުންނާއި ބެލުންތެރިންގެ ޚާާއްސަަ އެދުމުގެ މަތިން، އަނެއްކާވެސް "ބައިވެރިޔާ" އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.

އެގޮތުން މިހިނގާ ޖެނުއަރީ މަހުގެ 5 އަދި 6 ވަނަ ދުވަހު "ބައިވެރިޔާ" އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމާފައިވާ ކަމަށާއި އެދެދުވަހަށް ޓިކެޓް ވިއްކުން މިއަދު މެންދުރުފަހު 14:00 ން ފެށިގެން އޮލިމްޕަހުގައި ކުރިއަށްދާ ކަމަށް "ބައިވެރިޔާ" ޓީމުންވަނީ 'ދުވަސް' އަށް މަޢުލޫމާތު ދީފައެވެ.

މިއީ ގިނަ ބެލުންތެރިންނަށް ތަފާތު އެކި ސަބަބުތަކާއި ހެދިއާއި، ނިމިގެންދިޔަ ޑިސެމްބަރ މަހު ޗުއްޓީއަށް އެކި ރަށްރަށަށް ދާން ޖެހުމުން ފިލްމު ބެލޭގޮތް ނުވުމުގެ ސަބަބުން، ބެލުންތެރިންގެ ޚާއްސަ އެދުމުގެ މަތިން ނިންމު ނިންމުމެއް ކަމަށާއި ގިނަ ބަޔަކު "ބައިވެރިޔާ" އަދިވެސް ބަލާލުމަށް އެދުމުން، ފިލްމަކީ ކާމިޔާބު ފިލްމެއްކަން ޔަޤީންވި ކަމަށް ވެސް އެފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

ހެއްވާ މަޖާ އެތައް ކަންތައްގަނޑެއް ދައްކުވާދިން މިފިލްމަކީ އެންވިޝަން އެންޓަރޓެއިންމެންޓްގެ އެންމެ ފުރަތަމަ އަދި ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލި ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލް ތަކުން ފެނިގެންދަނީ ޔޫސުފް ޝަފީޢު، ޝީލާ ނަޖީބު، އަޙްމަދު އަޒްމީލު، މަލީހާ ވަހީދު، އަދި މުޙައްމަދު ފައިސަލް އެވެ. ސަޕޯޓިންގް ރޯލްތަކުން ނާޝިދާ މުޙައްމަދު، އަހުމަދު ސަޢީދު ގެ އިތުރުން އަޙުމަދު ސުނީ ވެސް ފެނިގެން ދެއެވެ.

އޮލިމްޕަހުގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް "ބައިވެރިޔާ" އެޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 4 ޖެނުއަރީ 2017 ގައި ރ. ދުވާފަރު ސްކޫލް ހޯލް ގައި އަދި 6 ޖެނުއަރީ 2017 ގައި ލ. ގަން ހަމަދު ސްކޫލް ހޯލުގައި މިފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް