މެރިން ޕޮލިސް އަށް މިދިޔަ އަހަރު ހުށަހެޅުނު ހުރިހާ މައްސަލައެއްގެ ތަހްޤީޤު ނިންމާލާފައިވާކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އައު އަހަރު ފެށުމުގެ ކުރިން ނިމިދިޔަ 2016 ވަނަ އަހަރު މެރިން ޕޮލިސް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅި ތަހްޤީޤު ކުރަމުން ގެންދިޔަ ހުރިހާ މައްސަލަތަކެއްގެ ނިންމުމާލުމަށް “ހަރަކާތް އައްސިދަ” ގެ ނަމުގައި އެޔުނިޓްގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން ގުޅިގެން ޚާއްސަ މަސައްކަތްތަކެއްކޮށް ހުރިހާ މައްސަލަތަކެއްގެ ތަހްޤީޤް ނިންމާލާފައިވާކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ން 31 އަށް މެރިން ޕޮލިސް އިންވެސްޓިގޭޝަން ޔުނިޓްގައި މަސައްކަތްކުރާ ހުރިހާ އިންވެސްޓިގޭޝަން އޮފިސަރުން ގުޅިގެން ކުރިއަށް ގެންދިޔަ މިމަސައްކަތުން 27 މައްސަލައެއްގެ ތަހްޤީޤް ނިންމައި ޕެންޑިންގ ހުރި ހުރިހާ މައްސަލައެއް ވަނީ ނިންމާފައިވާކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މިހަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ އެކަން ފާހަގަކުރުމަށް ޖެނުއަރީ އެއް ވަނަ ދުވަހު މެރިން އިންވެސްޓިގޭޝަން ޔުނިޓްގައި ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައިވާކަމަށާއި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ކަމަށެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ދެއްކެވި ވާހަކަފުޅުގައި ވަނީ ކަނޑުމަތީގެ ޤާނޫނާއި ޤަވާއިދުތައް ތަންފީޒް ކުރުމަށް މެރިން ޕޮލިސްއިން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހުށަހެޅޭ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވައި މެރިން އިންވެސްޓިގޭޝަންގެ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތަށް ހިތްވަރު ދެއްވި ކަމުގައި ފުލުހުން ބުނެ އެވެ.
މީގެ އިތުރުންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި ފުލުހުންގެ ތެރޭގައި ހެދިފައިވާ ޤާނޫނާއި ޤާވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި 2017 ވަނަ އަހަރަކީ ނިމިދިޔަ އަހަރަށް ވުރެވެސް ކާމިޔާބު އަހަރަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކޮށްދިނުމަށް އިލްތިމާސްކުރެއްވި ކަމުގައިވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ރައްމިއްޔާތުގައި ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފްސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި އިންޓަރގްރޭޓެޑް ސަރވިސް ކޮމާންޑްގެ ހިންގުމާއި ހަވާލުވެހުރި ޗީފްސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަބްދުﷲ އާއި މެރިން ޕޮލިސް ޑިޕާރޓްމަންޓްގެ ޑެޕިޔުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޖާދުﷲ މަޖީދުގެ އިތުރުން މެރިން އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް ޗީފްސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ހުސެއިން އާއި މެރިން ޕޮލިސްގައި މަސައްކަތްކުރާ ހުރިހާ އައި.އޯއިން ވަނީ ބައިވެރިވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް