2015 ވަނަ އަހަރާ އަޅާ ބަލާއިރު 2016 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަދަދު އިތުރު ވެފައިވާކަމުގައި އެކޯޓުން ބުނެފި އެވެ.
އެ ކޯޓުން ބުނެފައިވަނީ ޕްރެސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު 1563 މައްސަލަ ހުށަހަޅާފައިވާކަމަށެވެ. އެއީ 2015 ވަނަ އަހަރު ކޯޓަށް ހުށަހެޅުނު ޖުމްލަ 806 މައްސަލައާ އަޅާ ބަލާއިރު، 757 އިތުރު އަދަދެއް ކަމަށެވެ.
މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މުޅިން އަލަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކަމަށާއި މަދުންނަމަވެސް މިމައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ކުރިން ހުށަހަޅައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައްވެސް ހިމެނޭ ކަމަށާއި އަދި މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މިއަހަރު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ނޫންކަން ފާހަގަކުރާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެ އެވެ.
މިގޮތުން 2016 ވަނަ އަހަރު އެންމެ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ ފަހު ތިންމަހު ކަމަށާއި އެގޮތުން އޮކްޓޯބަރ މަހު 241 މައްސަލައަކާއި، ނޮވެމްބަރ މަހު 140 މައްސަލައަކާއި، ޑިސެމްބަރ މަހުގެ 210 މައްސަލަ ހުށަހަޅާފައިވާކަމުގައި އެ ކޯޓުން ބުނެފައި ވެ އެވެ. އަދި މީގެ ތެރެއިން އިސްލާހްކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ޤަބޫލްކުރެވޭތީ އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލި 163 މައްސަލަ ފިޔަވާ އެހެންހުރިހާ މައްސަލައެއް މިހާރު ވަނީ ކޯޓަށް ބަލައިގަނެފައި ކަމުގައިވެސް އެ ކޯޓުން ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް