ގާތުން ކިރު ދިނުމުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ވިއްކަން ބަހައްޓާއިރު ދިވެހި ބަހުން ލޭބަލް ނެތި ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވީނަމަވެސް އެ ގަވާއިދަށް އަމަލުކުރަނުން ފަސްކޮށް އިތުރު މުއްދަތެއް ދިނުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ނިންމައިފި އެވެ.
އެ އޮތޯރިޓީ އިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 16 ޖަނަވަރީ 2017 އިން ފެށިގެން "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެދަށުން ކަނޑައެޅިފައިވާ އުފެއްދުންތައް ރަޖިސްޓްރީނުކޮށް ދިވެހި ލޭބަލް ނެތި ވިއްކަން ބެހެއްޓުމަކީ މަނާކަމެއްކަމުގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. އެހެންނަމަވެސް، މިފަދަ އުފެއްދުންތަކުގައި ދިވެހިބަހުން ލޭބަލް ޖެހުމަކީ މި ތަކެތި ރާއްޖެއަށް އެތެރެކުރާ ބައެއް ފަރާތްތަކަށް ދަތިވާ ކަމަކަށްވާތީ މިކަމަށް ޙައްލެއް ހޯދައި، ގަވާއިދަށް ބަދަލެއް ގެންނަން ޖެހޭނަމަ މިކަން ކުރުމަށް އެ އޮތޯރިޓީއަށް ވަގުތު ބޭނުންވާކަން ފާހަގަކުރާ ކަމަށެވެ.
އެހެންކަމުން، ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ އުފެއްދުންތަކުގައި ދިވެހިބަހުން ލޭބަލް ޖެހުމާމެދު ގޮތެއް ނިންމައި، ވަކިގޮތެއް އަންގަންދެން ދިވެހިބަހުން ލޭބަލްޖެހުން ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ދިވެހި ލޭބަލް ފިޔަވައި ރަޖިސްޓްރޭޝަނަށް ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުން ޕްރޮޑަކްޓްގެ އޮރިޖިނަލް ލޭބަލް ގަވާއިދާ އެއްގޮތަށް ވާނަމަ، ޕްރޮޑަކްޓް ރަޖިސްޓަރީކޮށްދެވޭނެ ކަމުގައިވެސް ދަންނަވަމެވެ." އެމްއެފްޑީއޭގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މި ބަދަލާގުޅިގެން ރަޖިސްޓަރީނުކޮށް ތުއްތު ކުދިންނަށް ޚާއްޞަ ކާނާއާއި، މިގަވާއިދުގައި ކަނޑައެޅިފައިވާ އެހެނިހެން އުފެއްދުންތައް ވިއްކަން ބެހެއްޓޭނެ އެންމެފަހުގެ ތާރީޚަކީ 25 މާރިޗު 2017 ކަމުގައި ކަނޑައަޅައި އާންމުކޮށް އަންގައި އިޢުލާން ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް