ސެމްސަންގް އެސް 8 އަންނަނީ ވަޔަރލެސް ހެޑްފޯނަކާއެކު !

ޓެކްނޮލޮޖީގެ ދުނިޔޭގައި ހާއްސަކޮށް ސްމާޓްފޯން މާކެޓްގައި އެޕަލް އަދި ސެމްސަންގް އަކީ އެއްމެ ވަރުގަދަ އަދި އެއްމެ ވާދަވެރި ދެ ކުންފުނިކަމާއިމެދު ޝައްކެއް ނެތެވެ. އެއްބަޔަކު އަނެއް ބަޔަކަށްވުރެ ކުރިއަރާ...

02 Jan 2017 | 02:15

ޓެކްނޮލޮޖީގެ ދުނިޔޭގައި ހާއްސަކޮށް ސްމާޓްފޯން މާކެޓްގައި އެޕަލް އަދި ސެމްސަންގް އަކީ އެއްމެ ވަރުގަދަ އަދި އެއްމެ ވާދަވެރި ދެ ކުންފުނިކަމާއިމެދު ޝައްކެއް ނެތެވެ. އެއްބަޔަކު އަނެއް ބަޔަކަށްވުރެ ކުރިއަރާދާން މަސައްކަތްކުރާއިރު އެއްބަޔަކު އަނެއްބައެއްގެ ކިބައި ފިލާވަޅު ލިބިގަންނަ މަންޒަރުވެސް ބައެއް ފަހަރު ފެނިގެން ދެ އެވެ.

ނިމިދިޔަ އަހަރަކީ ސެމްސަންގަށް ބަނަ ނަމަވެސް އެޕަލް އަށް އުޖާލާ އަހަރެކެވެ. ސެމްސަންގް އިން ނެރުނު ނޯޓް 7 އަތަށް ގޮވާފައިވާއިރު އެޕަލް އިން ނެރުނު އައިފޯނު 7 އަށް ލިބެމުން އަންނަ މަގްބޫލުކަން އަންނަނީ އިތުރު ވަމުންނެވެ.

އާ އަހަރެއް ފެށިގެން ދާއިރު ސްމާޓްފޯނުގެ ވާހަކަ ދައްކާއިރު މިހާރު އެއްމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ސެމްސަންގް ގެ އައު ސްމާޓްފޯން ސެމްސަންގް ގެލެކްސީ އެސް 8ގައި ހިމެނޭނެ ފީޗަރ ތަކުގެ ވާހަކަ އެވެ. އެގޮތުން މިއީ އަލަށް ފެންމަތިވި ވާހަކަ އެކެވެ. އެއީ އެސް 8ގައި ވަޔަރލެސް ހެޑްފޯނެއް ބޭނުންކުރަން ސެމްސަންގް އިން ނިންމާފައިވާކަމަށް ބުނާ ވާހަކަ އެކެވެ.

ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމުގައިވާ "ސެމްމޯބައިލް"ގައި މުއުތަބަރު މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ ސެމްސަންގް އެސް 8ގައި ވަޔަރލެސް ހެޑްފޯން ހިމަނަން އެ ކުންފުނިން ނިންމާފައިވާކަމަށެވެ. ނަމަވެސް އެ ހެޑްފޯނުތައް ވިއްކާނީ ވަކިންކަން ނުވަތަ އެސް 8އާއެކުކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ސެމްސަންގް އިން ވަޔަރލެސް ހެޑްފޯން ބޭނުންކުރަން ނިންމާފައިވާކަމަށް ބުނާއިރު އެޕަލް އިން ނެރުނު އައިފޯނުގެ އެއްމެ ތަފާތު އެއް ކަމަކަށް ވެގެންދިޔައީ އެ ފޯނުގެ ހެޑްފޯނު ވަޔަރލެސް ކޮށް ހެޑްފޯނު ޖެކުޖަހާ ސްލޮޓް ބާކީ ކޮށްލުމެވެ. މިފަހަރު ސެމްސަންގް އިން އެޕަލް ކޮޕީ ކުރަނީ ކަމަށް ބެލެވުނު ނަމަވެސް މުޅިން އެހެން ނިންމޭކަށްވެސް ނެތެވެ. އެއީ ސެމްސަންގް ކުންފުނިން ނިމިދިޔަ އަހަރުގެ އޯގަސްޓް މަހުގައި ވަޔަރލެސް ހެޑްފޯނެއް މާކެޓަށް ނެރެފައިވާތީ އެވެ. އެއީ ސެމްސަންގް ގިއަރ އައިކޮން އެކްސް އެވެ.

ނަމަވެސް ސެމްސަންގް އިން މިހާރު ބޭނުންކުރަމުން އަންނަ ވަޔަރލެސް ހެޑްފޯނަކީ ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަ، އަދި އޭގައި ބައެއް ޓްރެކިންގް ޓެކްނޮލޮޖީ ހިމަނާފައިވާ ހެޑްފޯނެއް ކަމުގައިވާއިރު ބެލެވޭގޮތުގައި އެސް8އާއެކު އެއްމެ ގާތީ އައު ޓެކްނޮލޮޖީ އަކާއެކު އައު ހެޑްފޯނެއް ލޯންޗް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް