އަމިއްލަ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދެއް ފަށަން ވެއްޖެ: ޚުތުބާ

އިންސާނީ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދެއް ފެށުމަށް މިއަދު ހުކުރު ޚުތުބާގައި ބާރު އަޅައިފިއެވެ. މިކަމަށް ބާރު އަޅާފައިވަނީ "ޤައުމު އިޞްލާޙުވުން އޮތީ ނަފްސުތައް އިޞްލާޙުވެގެންނެވެ" މި މަޢުލޫގައި މިއަދު...

01 Dec 2023 | 08:48

އިންސާނީ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދެއް ފެށުމަށް މިއަދު ހުކުރު ޚުތުބާގައި ބާރު އަޅައިފިއެވެ.

މިކަމަށް ބާރު އަޅާފައިވަނީ "ޤައުމު އިޞްލާޙުވުން އޮތީ ނަފްސުތައް އިޞްލާޙުވެގެންނެވެ" މި މަޢުލޫގައި މިއަދު އިއްވި ޚުތުބާގައެވެ.

މި ޚުތުބާ ފަށަމުން، ތިމާމެންގެ ވަށައިގެން ހިނގާ ކަންކަމާއި، ފެންނަމުންދާ މަންޒަރުތަކާމެދު ވިސްނައި ފިކުރު ހިނގައިނުލާ ތިބެން ހެޔޮވެދާނެތޯ؟ އާއި އަހަރެމެންގެ މުޖްމަޢުން ފާޅުވަމުން މިދާ ކަންކަމާއި، ފެންނަމުންމިދާ މަންޒަރުތަކަކީ، އަހަރުމެންގެ ދީނާއި އެ ދީނުގެ ރީތި އާދަކާދަތަކާ ކިހާ އެއްގޮތް ކަންތައްތަކެއްތޯ ނުވަތަ ކިހާ އިދިކޮޅު ކަންތައްތަކެއްތޯ ބަލައިނުލާ ތިބެންހެޔޮވެދާނެތޯ؟ އާއި  މުޖްތަމަޢުގައި ހިނގާ ވައްކަމުގެ ޢަމަލުތަކާއި، ފޭރުމާއި ޚިޔާނާތާއި، ބަދުއަޚްލާގީ އެންމެހައި ފާޙިޝް ކަންކަމާއި، މަސްތުވެގަތުމަށް ކުރެވޭ ހަޑިހުތުރު ކަންކަމާއި، މާރާމާރީއާއި، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމާއި، މީސްމީހުންގެ އަމިއްލަ ތަކެއްޗަށާއި، މިލްކިއްޔާތަށާއި ދަޢުލަތުގެ ތަކެއްޗަށް ގެއްލުންދޭ ބަޔަކު ގެއްލުންދީ އުޅެނީ ކީއްވެތޯ ބަލައިނުލާ ތިބެން ހެޔޮވާނެތޯއާއި،  ހެދިބޮޑުވަމުން އަންނަ ޒިވާނުންގެ ތެރެއިން ބައެއް ޒުވާނުންގެ އަޚްލާޤާއި ސްލޫކު ފާލުން ނެއްޓިގެންދަނީ ކީއްވެތޯއާއި، މިކަންކަމުން މުޅި ޤައުމު ސަލާމަތްކުރުމަށް އޮތް މަގަކީ އަދި ޙައްލަކީ ކޮބައިތޯ ސުވާލުކޮށްނުލާ ތިބެން ހެޔޮވެދާނެތޯ ސުވާލު އުފައްދާފައިވެއެވެ.

"ޤައުމެއްގެ ސިފަ ޖެހިގެން އަންނަނީ އިންސާނުންގެ ޖަމާޢަތަކަށެވެ. މިގޮތުން ދިވެހިރާއްޖެއޭ މިކިޔާ ސަރަޙައްދުގެ ތެރޭގައި ދިރިއުޅޭ، ދިވެހީންނޭ މިކިޔާ އެންމެންނަކީވެސް ޤައުމެއްގެ މީހުންނެވެ. މި ދިވެހި ޤައުމު އުފެދިފައިވަނީ، ދިވެހީންގެ މައްޗަށެވެ. މި ޤައުމުގެ މީހުންގެ ހިތްތައް ހިދާޔަތުގެ ނޫރުން މާތް ﷲ އަލިކޮށް ދެއްވީއްސުރެން މިތިބީ އެކަލާނގެ ރަޙުމަތްފުޅާއެކު އިސްލާމް ދީންމަތީގައެވެ. އޭރުއްސުރެ މި ދިވެހި ޤައުމުގެ ފަރުދުން ތަބާވަމުން މި އަންނަނީ އެއްދީނަކަށެވެ. އެހެންކަމާއެކު މި މާތް ދީނުގެ ހިޔަލުގައި ތިބެގެން ޤައުމު އިޞްލާޙު ކުރުމާމެދު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން މި ޤައުމުގައި އިޞްލާޙު ކުރުމަށް ހުރިކންތައްތަކަކީ ކޮބައިކަން ދެންގަންނަން އެބަޖެހެއެވެ." ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާގޮތުގައި އެއްވެސް ޤައުމެއް، އަދި އެއްވެސް މުޖްތަމަޢެއް، އަދި އެއްވެސް ރަށެއް، އަދި އެއްވެސް އަވަށެއް އޭގެ ޒާތުން ގޯސްވެގެންނެއް ނުދެއެވެ. އެހެނެއްކަމަކު، ގޯސްވެގެންދަނީ އެ ގައުމަކަށް ނުވަތަ އެ ރަށެއްގައި އުޅޭ އިންސާނުން ކޮށްއުޅޭ ބައެއްކަހަލަ ޢަމަލުތަކެވެ. އެކަންތައްތަކުގެ ނަތީޖާއިން ކުރާ އަސަރަކުން ހިތްގައިމުކަން ނުވަތަ ހިތްދަތިކަން އެންމެންނަށް އިޙުސާސް ކުރަންޖެހޭ ގޮތްވެއެވެ. އާނއެކެވެ. އިންސާނީ މުޖްތަމަޢުތައް އިޞްލާޙުކުރަން ފެށޭ ހިސާބަކީ، ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސެވެ. ޢާއިލާއާއި، މުޖްމަތަޢާއި، ޤައުމާއި، މުޅި ދުނިޔެ އިޞްލާހުކުރުން ފެށޭ ހިސާބަކީވެސް އެއީއެވެ. ކޮންމެ އިންސާނެއްގެ ނަފްސު އިޞްލާޙުގެ މަގަށް އަޅުވައިފިނަމަ، އިންސާނީ މުޅި ޙަޔާތް އިޞްލާޙުވީއެވެ. އެނަފްސު އިޞްލާޙު ނުވެއްޖެނަމަ، މުޖްތަމަޢަށާއި، މުޅި ޤައުމަށް ނޭދެވޭ އަސަރުނުކޮށް ނުދާނޭކަން ކަށަވަރެވެ. އިންސާނުންނަކީ ޖަނަވާރުންނެކޭ އެއްފަދައިން ކަންފަތުގައި ހިފައިގެން ބޭނުން ތަނަކަށް، ބޭނުން ދިމާއަކަށް ގެންދެވޭނެ ބައެއްނޫނެވެ. އިންސާނުންނަކީ، އެބައިމީހުންގެ ޖިސްމުގައިވާ ނަފްސާއި، ބުއްދިއާއި، ޟަމީރުގެ ސާފުކަމުގެ ނުވަތަ ކިލަނބުކަމުގެ މައްޗަށް، ޙަޔާތުގެ މިޞްރާބު އަމިއްލައަށް ހިފާބަޔެކެވެ. އެހެންވީމާ، އިންސާނާގެ އަމިއްލަ ނަފްސު އިޞްލާޙު ކުރުމަކީ، މުޅި މުޖްތަމަޢާއި، މުޅި ޤައުމު އިޞްލާޙުގެ މަގުން ހިނގުން އޭގެ މައްޗަށް ބިނާވެގެންވާ އަސާސްކަން ހާމަވެއެވެ.

އިންސާނާގެ ހަށިގަނޑުގެ ތެރޭގައިވާ އޭނާގެ ވުޖޫދަކީ، އިންސާނާގެ އަސްލު ޙަޤީޤަތް ކަމާއި އެ އިންސާނާގެ ޙަޤީޤަތަކީ، ބޭރުން ފެންނަ ހަށިގަނޑާއި، އެ ހަށިގަނޑޫގެ ބޭރުން ހުންނަ މަހާއި އެތެރޭގައި ދައުރުވަމުންދާ ލެޔާއި ސެލްތަކެއް ނޫނެވެ. މިތަކެއްޗަކީ ޖަނަވާރުންގެ ޖިސްމުގައިވެސް ހުންނަ ތަކެތިކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ މިތަކެއްޗަށް އެކަނި ނިސްބަތްކުރާއިރު ޖަނަވާރުންގެ ތެރޭގައި އިންސާނުންނަށްވުރެ ޖިސްމުގެ ބގޮތުން މާ ބިޔަ، މާ ގިނައިން ކައިބޮއި އުޅޭ ޖަނަވާރުން އެބައުޅޭ ކަމަށެވެ. އެހެންނަމަވެސް، އިންސާނުން ޖަނަވާރުންނާ ތަފާތުވަނީ، އިންސާނީ ނަފްސުން ކަމަށެވެ. އެ ނަފްސުގެ ސަބަބުން އިންސާނާ އިންސާނަކަށް ވެގެންދިޔައީ ރޫޙާނީ ވުޖޫދާއި، މަޢުނަވީ ވުޖޫދުން ކަމަށެވެ. އަދި ހަމަ އެހެންމެ މި ބިމުގައި ލެއްވިގައި މަޙްލޫޤުންގެ މައްޗަށް އިންސާނާއަށް މާތްކަން ލިބިގެންވާ ސަބަބަކީ އެއީ ކަމަށެވެ. ވީއިރު، އިންސާނާގެ ނަފްސު އޭގެ ފިޠުރަތުގެ ސާފު ޠާހިރުކަމުގެ ތެރޭގައި ހިފަހައްޓާ ތަޢައްޔަރު ކަމެއް އަޔަނުދީ، ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"އިންސާނީ މުޖްތަމަޢާއި، މުޅި ޤައުމު އިޞްލާޙުގެ، އަމާންކަމާއި، މިނިވަންކަން ލިބި، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގިކަމާއި، އުފާ ފާގަތިކަން ލިބުން އޮތީ، ތިމަތިމާމެންގެ އަމިއްލަ ނަފްސުތައް އިޞްލާޙު ކުރުމުން ކަމުގައިވާ ހިނދު، މި ޤައުމުގެ ކޮންމެ ފަރުދަކުމެ އަމިއްލަ ޙާލާމެދު، އަދި އަމިއްލަ ނަފްސުގެ އުނިކަމާމެދު ފިކުރުކޮށްލުން ކީއްތޯއެވެ.؟ އިޞްލާޙު ކުރަން ޖެހިފައިހުރި ކިތަންމެ ކަމެއް، އަދި އެކަންކަމުގެ ސަބަބުން މުޅި މުޖްތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރު އަދި އޭގެ ނަތީޖާއިން ޚުދު ތިމާއަށް ލިބޭ އުނިކަމާއި ދެރަކަން އަހަރުމެންނަށް ފެންނާނީ އޭރުންނެވެ. އިންސާނީ ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދެއް ފަށަން ވެއްޖެއެވެ. ނަފްސު އިޞްލާޙު ކުރުމުގެ ޖިހާދަށްވުރެ މުހިންމު ޖިހާދެއް ފަހެ އެބައޮތްތޯއެވެ.؟" ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ނިންމާލަމުން ބުނެފައިވަނީ މުޅި ޤައުމު އިޞްލާޙުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމާ ދުރުވެގެންކަން ކަށަވަރު ކަމަށާއި މިކަމަށް އޮތް ހަމައެކަނި މަގަކީ، އެހެން މީހުންގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި، ޢައިބުތަކުގެ ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ނުކޮށް، އަމިއްލަ ނަފްސާމެދު ޙިޔާލު ކުރުމަށް ވަގުތު ހުސްކޮށްލުން ކަމަށެވެ. މާތް ﷲގެ ޙައްޤުތަކަށާއި، އިންސާނުންގެ ޙައްޤުތަކަށް އަރައިގަނެވިފައިވާ ކަމަށް އިޢުތިރާފުވުން ކަމަށެވެ. އަދިހަމަ އެހެންމެ ތިމާގެ ނަފްސުގައި އުނިކަންކަމާއި، ހުތުރު އާދަތައް ހަރުލާފައި އެބަހުރިކަން ގަބޫލުކޮށް އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢަ ވުން ކަމަށާއި އެއީ، ތަޢުބާވުމުގެ މަގު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް