ވޯލްޑް ކަޕް 2022: ކްރޮއޭޝިއާ އާއި މޮރޮކޯ ދެ ވަނަ ބުރަށް. ބެލްޖިއަމް ކަޓައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކުޅުނު މެޗުން ބެލްޖިއަމް އަށް ކްރޮއޭޝިއާ އަތުން މޮޅު ނުވެވި މުބާރާތާ ވަކިވާން ޖެހިއްޖެއެވެ. ބެލްޖިއަމް - ކްރޮއޭޝިއާ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، 2...

01 Dec 2022 | 17:01

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކުޅުނު މެޗުން ބެލްޖިއަމް އަށް ކްރޮއޭޝިއާ އަތުން މޮޅު ނުވެވި މުބާރާތާ ވަކިވާން ޖެހިއްޖެއެވެ.

ބެލްޖިއަމް - ކްރޮއޭޝިއާ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، 2-1 ގެ ނަތީޖާއިން ކެނެޑާ ބަލިކޮށް، މޮރޮކޯ ވެސް ވަނީ ކްރޮއޭޝިއާ އާއެކު ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައެވެ. މޮރޮކޯ އިން 7 ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ކަށަވަރު ކުރިއިރު، ކްރޮއޭޝިއާއަށް ދެ ވަނަ ލިބުނީ 5 ޕޮއިންޓާއެކުގައެވެ. ބެލްޖިއަމްއަށް 4 ޕޮއިންޓް ލިބުނުއިރު، ކެނެޑާ މުބާރާތް ނިންމާލީ ހުރިހާ މެޗަކުން ވެސް ބަލިވެގެންނެވެ.

މިރޭ ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެލްޖިއަމްގެ މާޓެންސް އަށެވެ. އޭނާ ފޮނުވާލި ހަމަލާ ދަނޑި މަތިން ދިޔައިރު، ފުރަތަމަ ހާފުގައި ރެފްރީ ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ދިނުމަށްފަހު، ވީއޭއާރް ބަލައި، އެ ބޯޅަ ކުޅުނުއިރު އޮފްސައިޑް ވެފައިވުމުން ޕެނަލްޓީ ކެންސަލް ކުރިއެވެ.

ދެ ވަނަ ހާފު ބެލްޖިއަމްއިން ފެށީ ރޮމަލޫ ލުކާކޫ އާއެކުގައެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާއިން ރަނގަޅަށް ކުޅެ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، މޮޅެއް މަޖުބޫރުވެފައި އޮތް ބެލްޖިއަމްއިން ފަހުކޮޅު ވަރަށް ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އަދި ލުކާކޫއަށް ލަނޑު ޖަހަން ވަރަށް ހުސް ފުރުސަތުތައް ލިބުނު ވެސްމެއެވެ. އެހެނަސް، ލަނޑު ނުޖެހި ދުނިޔޭގެ ރޭންކިންގ ގެ 2 ވަނަ ޓީމު ކަމުގައިވާ ބެލްޖިއަމް މުބާރާތާ ވަކިވާން ޖެހުނީއެވެ.

މޮރޮކޯ އިން ކެނެޑާއާ ދެކޮޅަށް މޮޅަށް ކުޅުނުއިރު، މެޗު ފަށައިގެން އެންމެ 4 މިނިޓުގައި ހަކީމް ޒިޔެކް ޖެހި ލަނޑާއެކު މޮރޮކޯއިން ލީޑު ނެގިއެވެ. އަދި 23 ވަނަ މިނިޓުގައި ނަސޭރީ ޖެހި ލަނޑުން މޮރޮކޯ ލީޑު ފުޅާކުރިއެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުން 2-1 އަށް ނަތީޖާ ބަދަލުވިއިރު، ދެ ވަނަ ހާފުގައި ލަނޑެއް ނުފެނުނެވެ.

މޮރޮކޯއިން ރައުންޑް އޮފް 16 ގައި ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގެ ދެ ވަނަ ލިބޭ ގައުމަކާއެކެވެ. އަދި ކްރޮއޭޝިއާއިން ގްރޫޕް އީ ގެ އެއްވަނައާ ވާދަކުރަން ޖެހޭނެއިރު، ގްރޫޕް އީ ގެ މެޗުތައް އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް