އާޖެންޓީނާ ތަރި ލިއޮނެލް މެސީ އަކީ ފުޓްބޯޅަ ތާރީޚު ދުއް މުޅި ދުނިޔޭގައި ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މިހާތަނަށް ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "ބެލޮންޑޯ" އެވޯޑް ހޯދާފައިވަނީ ވެސް މެސީއެވެ. އެހެން ކަމުން މެސީގެ މޮޅުކަމާއި ހުނަރާއި މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ.
މެސީއާއި އެކު ދެން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިއަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ވޭތުވެ ދިޔަ 20 ވަރަކަށް އަހަރު ދުވަސްތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ފިޔަ ޖަހަމުން އައި ދެ ކުޅުންތެރިންނަނީ މެސީއާއި ރޮނާލްޑޯއެވެ. އަދި މިއަދާއި ހަމައަށް ވެސް ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީފަންތީގައި ފިޔަ ޖަހަމުން އަންނަނީ މި ދެ ކުޅުންތެރިންނެވެ.
މެސީ އާއި ރޮނާލްޑޯ ވަނީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް ކުޅުންތެރިއަކަށް ލެބޭނޭ އެންމެ މަތީ ދަރަޖަތަކާއި ކާމިޔާބީތައް ހޯދާފައެވެ. ކުލަބު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް މި ދެ ކުޅުންތެރިންނަށް ނުލިބޭ ކާމިޔާބީއެއް ނެތޭ ބުނުމަކީ ބޭއިންސާފަކަށް ނުވާނެއެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ނަކީ މެސީއާއި ރޮނާލްޑޯ ކަމަށް ވީއިރު، މި ދެ ކުޅުންތެރިންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަން ވެސް ކުޑައެއް ނޫނެވެ. ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އެންމެ ގަޔާވާ އަދި އެންމެ ލޯބިވާ ދެ ކުޅުންތެރިންގެ ވާދަވެރިކަމަށް އަދިވެސް ފަނޑުވުމެއް ނާނައިރު، ވާދަވެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި ދެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅީ ކޮން ކުޅުންތެރިއެއް ކަމާއި މެދު މުޅި ދުނިޔޭގައި ކުރެވޭ ބަހުސްތައް ގިނައެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ތަރީޚުގައި އެންމެ ގިނަ ލަނޑު ޖެހިކަމަށް ރެކޯޑު ކުރެވިފައިވާ ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ އަދި ރޮނާލްޑޯ ހިމެނޭއިރު، މި ދެ ކުޅުންތެރިންގެ ޕެނަލްޓީ ގޯލުތަކުގެ ވާހައަކީ ވެސް ގިނަ ބައެއްގެ މެދުގައި ދެކެވެމުން އަންނަ ވާހަކައެކެވެ.
އެގޮތުން މެސީ އަށް ބަލާއިރު، އޭނާގެ މުޅި ކެރިއަރުގައި މިހާތަނަށް 136 ޕެނަލްޓީއެއް ވަނީ ޖަހާފައެވެ. ނަމަވެސް އޭގެ ތެރެއިން މެސީއަށް ކާމިޔާބު ކުރެވިފައިވަނީ 105 ޕެނަލްޓީއެވެ. 31 ޕެނަލްޓީ އެއް ވަނި ނާކާމިޔާބު ވެފައެވެ.
ރޮނާލްޑޯއަށް ބަލާއިރު އޭނާގެ ކެރިއަރުގައި މިހަތަނަށް 175 ޕެނަލްޓީއެއް ވަނީ ޖަހާފައެވެ. އޭގެ ތެރެއިން ރޮނާލްޑޯއަށް ކާމިޔާބު ކުރެވިފައިވަނީ 146 ޕެނަލްޓީއެވެ. ނާކާމިޔާބުވެފައި ވަނީ 29 ޕެނަލްޓީއެވެ.
އެހެން ކަމުން މި ދެ ކުޅުންތެރިންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރޮނާލްޑޯއަށް ވުރެ ގިނަ ޕެނަލްޓީ ނާކާމިޔާ ކޮށްލާފައި ވަނީ މެސީއަށެވެ. އެއީ ރޮނާލްޑޯއަށް ވުރެ ދެ ޕެނަލްތީ އިތުރު އަދަދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް