ވޯލްޑް ކަޕް 2022: ދެވަނަ ބުރަށް ދިއުމަށް މިރޭ ޖަރުމަނަށް އޮތީ ކިހާވަރެއްގެ ފުރުޞަތެއް ؟

ދުނިޔޭގެ ޗެމްޕިއަން ކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަން ގުރޫޕުގެ ފަހު މެޗަށް މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، އެޓީމު އޮތީ ހާސްކަމުގެ ތެރޭގައެވެ. ގުރޫޕުގައި މިހާތަނަށް ކުޅުނު ދ...

01 Dec 2022 | 14:58

ދުނިޔޭގެ ޗެމްޕިއަން ކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަން ގުރޫޕުގެ ފަހު މެޗަށް މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، އެޓީމު އޮތީ ހާސްކަމުގެ ތެރޭގައެވެ. ގުރޫޕުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުހޯދި ގުރޫޕުގެ އެންމެ ފުލުގައި އޮތް ޖަރުމަނު މިރޭ ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، މިއީ އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ކޮންމެހެން މޮޅުވުން މަޖުބޫރު މެޗެކެވެ. ނަމަވެސް މި މެޗުން ޖަރުމަނު މޮޅުވި ނަމަވެސް އެޓީމަށް ދެވަނަ ބުރަށް ދިމުމުގެ އަމިއްލަ ބާރެއް ނެތެވެ.

ޖަރުމަނުން މިހާތަނަށް ދެ މެޗު ކުޅުނުއިރު، ހޯދިފައިވަނީ އެންމެ ޕޮއިންޓެވެ. ކުޅުނު ފުރަތަމަ މެޗުން ޖަޕާން އަތުން ބަލިވިއިރު، ދެވަނަ މެޗުގްަި ސްޕެއިން އަތުން ވީއެއްވަރެވެ. އެހެން ކަމުން މިރޭގެ މެޗަށް ކުރިމަތިލާއިރު، ޖަރުމަން އޮތީ އެންމެ ޕޮއިންޓަކާއި އެކު ގުރޫޕް އީގެ އެންމެ ފަހަތުގައެވެ.

މިރޭ ގެ މެޗުން ކޮސްޓަރިކާގެ މައްޗަށް ޖަރުމަނުން ކުރި ހޯދި ނަމަވެސް އެޓީމަށް ލިބޭނީ ހަތަރު ޕޮއިންޓެވެ. އެހެން ކަމުން މިރޭ އެ ގުރޫޕުގައި ހިމެނޭ ޖަޕާން އަދި ސްޕެއިން ބައްދަލުކުރާ މެޗު އެއްވަރުވެގެން ނިމުނު ނަމަވެސް އަދި ޖަޕާން މޮޅުވެގެން ނިމުނު ނަމަވެސް ޖަރުމަނަށް ޖެހޭނީ މުބާރާތާއި ވަކިވެ އަމިއްލަ ގަމުމަށް އެނބުރި ދާށެވެ.

ދެވެނަ ބުރުގެ ފުރުސަތެއް ޖަރުމަނަށް ލިބެން އޮތީ އެޓީމުން ކޮސްޓަރިކާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަދި ޖަޕާން މިރޭގެ މެޗުން ސްޕެއިން އަތުން ބަލިވެގެންނެވެ. އެ ނޫން ގޮތަކަށް ޖަރުމަނަށް ދެވަނަ ބުރުގެ ފުރުސަތެއް ނެތެވެ.

ގުރޫޕު އީގެ ފަހު މެޗުތަކަށް މިރޭ ޓީމުތަކުން ނުކުންނައިރު، އެއްވެސް ޓީމަކަށް އަދި ދެވަނަ ބުރު ޔަގީން ނުވެއެވެ. ދެވަނަ ބުރުން ފުރުސަތު ލިބޭ ޓީމެއް އެނގޭނީ މިރޭގެ މެޗުތަކަށް ފަހުގައެވެ.

މިރޭ ޖަރުމަން ކޮސްޓަރިކާއާއި ދެކޮޅަށް ނުކުންނައިރު، މިއީ މި ދެޓީމުން ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެޓީމުން ބައްދަލުކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ގުރުޕް އޭގެ ފަހު މެޗުގައެވެ. އެފަހަރުގެ މެޗު 2-4 އިން ކާމިޔާބު ކުރީ ޖަރުމަނުންނެވެ.

އަނެއް ކޮޅުން ސްޕެއިން މިރޭ މެޗަށް ނުކުންނައިރު، ސްޕެއިނަށް ވެސް ދެވަނަ ބުރު ޔަގީން ކުރެވެން އޮތީ ޖަޕާން ބަލިކޮށްގެންނެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް މިރޭގެ މެޗަކީ ކޮންމެ ޓީމަކަށް ވެސް ވަރަށް މުހިންމު މެޗަކަށް މިވަނި ވެފައެވެ.

މިރޭ ސްޕެއިން ޖަޕާނާއި ދެކޮޅަށް ނުކުންނައިރު، މިއީ މި ދެޓީމުން ވޯލްޑް ކަޕުގެ މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްވެސް ވާދަވެރި މެޗެއްގައި މި ދެޓީމުން ބައްދަލުކޮށްފައި ނުވާއިރު، މި ދެޓީމުން މީގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި ވަނީ ބައްދަލުކޮށްފައެވެ. އެއީ 2001 ވަނަ އަހަރުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ޖަޕާންގެ މައްޗަށް ކުރި ހޯދީ ސްޕެއިނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް