ފީފާ ވޯލްޑް ކަޕް 2022 ގްރޫޕް އެފް: ބެލްޖިއަމް ދެ ވަނަ ބުރަށް ދިއުމަށް މޮޅުވުން މަޖުބޫރު

ގްރޫޕް އެފް ގެ ފަހު 2 މެޗުގައި މިރޭ ކެނެޑާ-މޮރޮކޯ އަދި ކްރޮއޭޝިއާ-ބެލްޖިއަމް ރާއްޖެ ގަޑިން 20:00 ގައި ވާދަކުރާނެއެވެ. ތާރީޚް: 01 ޑިސެމްބަރ 2022 ގަޑި: 20:00 ސްޓޭޑިއަމް: އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް (ކ...

01 Dec 2022 | 12:20

ގްރޫޕް އެފް ގެ ފަހު 2 މެޗުގައި މިރޭ ކެނެޑާ-މޮރޮކޯ އަދި ކްރޮއޭޝިއާ-ބެލްޖިއަމް ރާއްޖެ ގަޑިން 20:00 ގައި ވާދަކުރާނެއެވެ.

ތާރީޚް: 01 ޑިސެމްބަރ 2022

ގަޑި: 20:00

ސްޓޭޑިއަމް: އަޙްމަދު ބިން ޢަލީ ސްޓޭޑިއަމް (ކްރޮއޭޝިއާ – ބެލްޖިއަމް)

ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް (ކެނެޑާ – މޮރޮކޯ)

ގްރޫޕް: އެފް

ގްރޫޕް އެފް އަށް ނަޒަރެއް:

ގްރޫޕް އެފް ގައި ކްރޮއޭޝިއާ އާއި މޮރޮކޯ އަށް ވެސް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ކްރޮއޭޝިއާ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ. އެ ޓީމަށް ފައިދާ 4 ގޯލު ލިބިފައިވާއިރު، މޮރޮކޯގެ ލަނޑުގެ ތަފާތަކީ 3 ލަނޑެވެ. ބެލްޖިއަމް 3 ޕޮއިންޓާއެކު 3 ވަނައިގައި އޮތްއިރު، ލަނޑުގެ ތަފާތަކީ 1- އެވެ. ގްރޫޕްގެ ފުލުގައި އޮތް ކެނެޑާއަށް އެންމެ ޕޮއިންޓެއް ވެސް ލިބިފައެއް ނެތެވެ. ލަނޑުގެ ތަފާތު 4- ގައި އޮތްއިރު، ކެނެޑާއަށް ދެ ވަނަ ބުރުގެ އެއްވެސް ފުރުސަތެއް ނެތެވެ.

ގަދަ 16 އަށް ދިއުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟ ކޮން ގޮތަކުން؟

ގްރޫޕް އެފް އަށް ބަލާއިރު، ކްރޮއޭޝިއާ މިރޭ ކުޅޭ މެޗުން ބެލްޖިއަމް އަތުން މޮޅުވިޔަސް، އެއްވަރު ވިޔަސް، އެ ޓީމު ދެ ވަނަ ބުރަށް ކޮލިފައިވާނެއެވެ. ކްރޮއޭޝިއާ ބަލިވެއްޖެނަމަ، އެ ޓީމަށް ކުރިޔަށް ދެވޭނެ ހަމައެކަނި މަގަކީ ކެނެޑާއިން މޮރޮކޯ ބަލިކުރުމެވެ. އެ ހާލަތުގައި މޮރޮކޯ އާއި ކްރޮއޭޝިއާގެ ތެރެއިން ކުރި ލިބޭނީ ލަނޑުގެ ތަފާތު ބޮޑު ގައުމަކަށެވެ.

މޮރޮކޯ އިން ކެނެޑާގެ މައްޗަށް މޮޅެއް ހޯދިޔަސް، ނުވަތަ އެއްވަރު ވިޔަސް އެ ގައުމު ދެ ވަނަ ބުރަށް ކޮލިފައިވާނެއެވެ. މޮރޮކޯ ބަލިވެއްޖެނަމަ އެ ގައުމަށް ކުރިޔަށް ދެވޭނީ، ބެލްޖިއަމްއިން ކްރޮއޭޝިއާ ބަލި ކޮށްފިނަމައެވެ. އެ ހާލަތުގައި މޮރޮކޯ އާއި ބެލްޖިއަމްގެ ތެރެއިން ކުރިޔަށް ދެވޭނީ ލަނޑުގެ ތަފާތުން ކުރި ލިބޭ ގައުމަކަށެވެ.

ބެލްޖިއަމްއަށް އަމިއްލަ ބާރުގައި ކުރިޔަށް ދެވޭނެ ހަމައެކަނި މަގަކީ މޮޅުވުމެވެ. ބަލިވެއްޖެނަމަ އެ ގައުމު ކަޓާނެއެވެ. ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅޭ މެޗު އެއްވަރު ވެއްޖެނަމަ، ބެލްޖިއަމްއަށް ކުރިޔަށް ދިއުމުގެ ފުރުސަތު އޮންނާނެ ހަމައެކަނި ހާލަތަކީ ކެނެޑާއިން މޮރޮކޯ ބަލިކުރުމެވެ. އެ ހާލަތުގައި ވެސް، ބެލްޖިއަމްއަށް ކުރި ލިބޭނީ މޮރޮކޯއަށްވުރެ ލަނޑުގެ ތަފާތު ބޮޑު ނަމައެވެ.

ކެނެޑާ މޮޅުވިޔަސް، އެ ޓީމު ދެ ވަނަ ބުރަށް ދިއުމުގެ އެއްވެސް މަގެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް