ރާއްޖޭގައި މިހާތަނަށް އެއިޑްސް ބަލި ނުވަތަ އެޗްއައިވީ ޖެހިފައިވަނީ39 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ އިދާރާއިން މިމައުލޫމާތު އާންމު ކުރީ މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެންނެވެ.
އެޗްޕީއޭއިން ބުނީ މި ބަލި އެންމެ ފުރަތަމަ ރާއްޖެއިން ފެނުނީ1991 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ނިޔަލަށް39 މީހަކަށް ބަލި ޖެހުނު އިރު މިހާތަނަށް15 މީހަކު ބަލީގައި ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި33 ފިރިހެނުންނެވެ. އެޗްޕީއޭއިން ބުނީ މިހާރުވެސް އެއިޑްސް ޖެހިފައި ތިބި22 މީހަކު ފަރުވާ ހޯދަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި އެޗްއައިވީއަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަންތަނުން ކުރާ ޓެސްޓަކުން ޕޮސިޓިވް ވެއްޖެ ނަމަ ޝަނަލް އެއިޑްސް ޕްރޮގްރާމްގެ މެދުވެރިކޮށް އައިޖީއެމްއެޗްގައި އެކަން ޔަގީންކުރުމަށް އިތުރު ޓެސްޓު ހަދާނެ ކަމަށް މައުލޫމާތުދެ އެވެ.
އެއިޑްސް ބައްޔަށް ހޭލުންތެރި ކުރުމާއި ބަލިން ރައްކާތެރި ކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވައި ހިންގުމުގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ނެޝަނަލް އެއިޑްސް ޕްރޮގްރާމްގެ ތެރެއިން ނެވެ. މި ޕްރޮގްރާމްގެ ތެރޭގައި މިބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.
މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އެޗް.އައި.ވީއިން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ޓެސްޓްކުރުން އާދަކުރަމާ" އެވެ. ރާއްޖޭގައި އެއިޑްސް ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5-12 އަށް ގދ. އަތޮޅުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް