ވިމް އެވޯޑް މިއަހަރު 45 މީހަކަށް

އެކި ދާއިރާތައް ތަރައްޤީކުރުމަށް އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ ވިމް އެވޯޑް މިއަހަރު 45 މީހަކަށް ދީފިއެވެ. މިފަހަރުގެ ވިމް އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރަ...

01 Dec 2022 | 06:19

އެކި ދާއިރާތައް ތަރައްޤީކުރުމަށް އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ ވިމް އެވޯޑް މިއަހަރު 45 މީހަކަށް ދީފިއެވެ. މިފަހަރުގެ ވިމް އެވޯޑް ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

"4ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022" ޙަފްލާ ބާއްވާފައިވަނީ ކުރުނބާ މޯލްޑިވްސްގައެވެ. ވިމެން އިން މެނޭޖްމަންޓް އެވޯޑްގައި ވަޒީފާގެ ދާއިރާއިންނާ، އިޖްތިމާޢީ އެކި އެކި ރޮނގުތަކުން އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެވޯޑްދީފައިވެއެވެ. މީގެތެރޭގައި ޖިންސުގެ ހަމަހަމަކަން ޤާއިމުކޮށް، އަންހެނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތައްވެސް ހިމެނެއެވެ.

މިއަހަރުގެ މިއެވޯޑް 45 މީހަކަށް ދީފައިވެއެވެ. އެގޮތުން ކުޅިވަރާއި، ސިއްޙަތާއި، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކާއި އަދި މުޖުތަަޢަށް ލާބައާއި މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ދާއިރާއިން ވަނީ އެވޯޑް ދީފައެވެ.

މިފަހަރުގެ ވިމް އެވޯޑްގައި ވަނީ އިތުރު 3 ކެޓަގަރީ އިތުރުކޮށްފައެވެ. އެއީ ޕަވަރިން ޖެންޑަރ އީކުއަލިޓީ، އިންޓަނޭޝަނަލް ވުމަން އޮފް ދި ޔިޔަރ އަދި އެކްސްޕެކްޓްރިއޭޓް އެވޯޑެވެ. އެކްސްޕެކްޓްރިއޭޓް އެވޯޑަކީ، ރާއްޖެއަށް މުހިންމު ދާއިރާތައް ކުރިއެރުވުމުގައި، ރާއްޖެއިން ބޭރުގައި ދިވެހިން އަދާކުރާ ދައުރާއި، ރާއްޖޭގައި ބޭރުމީހުން އަދާކުރާ ދަޢުރު ފާހަގަކޮށް ދިން އެވޯޑެކެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

ވިމެން އިން މެނޭޖްމަންޓަ މޯލްޑިވްސްއަކީ، ސްރީލަންކާގެ ޖަމިއްޔާއެއްކަމަށްވާ، ވުމަން އިން މެނޭޖްމަންޓާއި ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މިއީ ވިމް އެވޯޑް ދޭ 4ވަނަ އަހަރެވެ. މި އެވޯޑް މީގެކުރިން ރާއްޖޭގެ 128 އަންހެނަކަށް ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް