"ކުޑަރަހަ ތިލަ" ކައިރީގައި މޫދު އަޑީގައި ޑައިވަރުންތަކެެއްގެ މެދުގައި ހިންގި ހަމަނުޖެހުން
މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ކަން ވީގޮތް ފުލުހުން އޮޅުން ފިލުވަން ފަށައިފި އެވެ.
މީސް މީޑިއާއާއި ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި މި ހާދިސާގެ ވީޑިއޯ ދަނީ ފެތުރެމުންނެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ޑައިވް ކުރަމުން ދިޔަ މީހަކު ކުރިމަތީ އޮތް މީހާއަށް ފައިން ހަމަލާދޭ ތަނެވެ. އަދި އަނެއްކާވެސް ގޮސް މާސްކު ދަމައިގަންނަން މަސައްކަތް ކުރާތަންވެސް ފެނެ އެވެ.
މިކަމާއި ގުޅިގެން ފުލުހުން މީޑިއާގައި ބުނީ އެކަން މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި މައުލޫމާތު ސާފު ކުރަމުންދާ ކަމަށް ބުންޏެވެ.
އެ ހަމަނުޖެހުން ހިންގީ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި މިދިޔަ ބުދަ ދުވަހު ކަމަށްވެ އެވެ.
މި މައްސަލައިގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި މިވަނީ ވަކި ފަރާތަކަށް ނުޖެހި، ކަމާ ބެހޭ އިދާރާތަކުން މި މައްސަލައާ ގުޅޭ ފުރިހަމަ އަދި ސީރިއަސް ތަހުގީގެއް ހިންގައިދޭން ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން އެދިފައި ވަނިކޮށެވެ. ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވް ކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް އެންބީއޭއެމް އިން ބުންޏެވެ.
އެންބީއޭއެމް އިން ބުނި ގޮތުގައި، މި ހާދިސާގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނިވަލުގައި، ދިވެހިންގެ އެކަށޭނެ މިލްކުވެރިކަމެއް، ބައިވެރިވުމެއް ނުވަތަ ހިންގުމުގެ ދައުރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓޫރިޒަމްގެ ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރު އުޅޭތީ އެކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އެ ޖަމިއްޔާއިން ބުނީ "އިންފިނިޓީ އެކްސް"އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި އުޅަނދެއް ކަމަށާއި އުޅަނދުފަހަރުގެ އޮޕަރޭޝަންތައް ލޯކަލައިޒް ކުރުމާ (ދިވެހިކުރުމާ) ގުޅޭ ގޮތުން އައި ގަވާއިދުގެ ބަދަލުތަކާ އެކު، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްގެ އޮނިގަނޑަށް އެ އުޅަނދު ބަދަލުކޮށްފައިވާކަން އެ އެސޯސިއޭޝަނަށް އެނގޭ ކަމަށް ބަޔާނުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް