ހިންމަފުށީ ރިހެބުން ފިލި ފައިރިޝް މާލެއިން ހައްޔަރުކޮށްފި

01 Nov 2026 | 12:15
މީހުންނަށް އުނދަގޫ ކުރާ ފައިރިޝް --

މީހުންނަށް އުނދަގޫ ކުރާ ފައިރިޝް --

އާންމުންނަށް އުނދަގޫކޮށް ފުރައްސާރަކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ހިންމަފުށީ ރިހެބިލިޓޭޝަން މަރުކަޒަށް ގެންދިޔަ އަހުމަދު ފައިރިޝް އެ ތަނުން ފިލައިގެން އުޅެނިކޮށް މިއަދު މާލެއިން ހައްޔަރުކޮށްފިއެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންމަފުށީ މަރުކަޒަށް ފައިރިޝް ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އެ މަރުކަޒުން އޭނާ ފިލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ކަމަށާއި، އެއަށް ފަހު އޭނާ ފެނުނީ މާލޭގައި ހުއްޓައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފައިރިޝް ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ބިރު ދެއްކުމާއި، މުދަލަށް ގެއްލުން ދިނުމާއި، މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން އޭރު އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފެންމަތިވީ ފައިރިޝްގެ ޖެއްސުންކުރުމުގެ ސަބަބުން ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގު ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމުންނެވެ. ސައީދު ބުނެފައިވާ ގޮތުގައި ހުރިހާ މުއައްސަސާއަކަށް ތަކުރާރުކޮށް ޝަކުވާ ހުށަހެޅުމުން ވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުން ހަޅުތާލު ކުރަން މަޖުބޫރުވީއެވެ.

ސައީދު ބުނެފައިވާ ގޮތުގައި އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފައިރިޝް ފުރައްސާރަކުރާ މައްސަލަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް މި ޝަކުވާ ކުރަމުން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް