ސަރުކާރުން ނުދީ ހުރި ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހުން އުނިކުރެވޭ ގޮތް ހަދައިފި

01 Nov 2026 | 15:52
ފޮޓޯ: މީރާ

ފޮޓޯ: މީރާ

ދައުލަތުގެ އިދާރާއަކުން ވިޔަފާރިއަކަށް ދޭންޖެހި ނުދީ ހުރި ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހުން އުނިކުރެވޭނެ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން، މި އިންތިޒާމުގެ ބޭނުން ހިފަން ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ދައުލަތުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާ ޓެކުހާ އަޅައިކެނޑޭނެއެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅައިފައިވާ ބިލްތަކުގެ ތެރެއިން އަދިވެސް ފައިސާ ނުލިބި ހުރި ބިލްތަކަށް ޚާއްޞަ އުސޫލުތަކެއް ވެސް އެ އިންތިޒާމުގެ ތެރެއިން ކަނޑައަޅައިފައިވެއެވެ.

ޓެކުހުން އުނިކުރުމަށް އެދޭއިރު ފައިސާގެ ތަފްސީލާ އެކު މީރާގެ އުސޫލާ އެއްގޮތަށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

ސަރުކާރު ޕްރޮޖެކްޓްތަކުން ފައިސާ ނުލިބި ލަސްވާ ދަނޑިވަޅުގައި ވެސް މީރާއިން ޓެކުސް ހޯދަން ފިޔަވަޅު އަޅާ ކަމުގެ ޝަކުވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ކުރީ، ސޯޝަލް ސެންޓަރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ފަރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ޝަކުވާތަކާ ގުޅިގެން، ދައުލަތުން ދޭންޖެހޭ ފައިސާއިން ޓެކުސް އުނިކުރެވޭނެ އުސޫލެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް