ފޮޓޯ: ބީއެމްއެލް
ބައިނަލްއަޤުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ކުދި އަދި މެދު ފަންތީގެ ދިވެހި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ޕޭމަންޓު ގޭޓްވޭގެ ޚިދުމަތަށް އެދުމުގެ ފުރުޞަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމުން، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކަސްޓަމަރެއްގެ ފަރާތުން ވެސް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ވިޔަފާރިތަކަށް ހަމަޖެހޭނެ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އެ ގޮތަށް ލިބޭ ޑޮލަރު ޖަމާވާ އެކައުންޓަށް ދޫކުރާ ޔޫއެސްޑީ ޑެބިޓް ކާޑު މެދުވެރިކޮށް ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަޤުވާމީ އެހެނިހެން މުޢާމަލާތްތަކަށް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެއެވެ.
ޚިދުމަތަށް ހުށަހެޅޭނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ޕޯޓަލް މެދުވެރިކޮށެވެ.
ބީއެމްއެލުން ބުނި ގޮތުގައި ބީސީސީ މެދުވެރިކޮށް ރިފަރަލް ލިބުމާ އެކު ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެ މަރުހަލާ ފުރިހަމަވުމުން ކަސްޓަމަރުގެ އެކައުންޓާ ޕޭމަންޓު ގޭޓްވޭ ގުޅައިލައިދެވޭނެ ކަމަށް ބީއެމްއެލުން މަޢުލޫމާތު ދީފައިވެއެވެ.
މިއީ އިކޮނޮމިކް މިނިސްޓްރީއާއި ބީސީސީއާ ގުޅިގެން ބީއެމްއެލުން ފެށި ޕްރޮގްރާމެކެވެ. މި ޚިދުމަތުގެ ބޭނުމަކީ ބޭރުގެ ބާޒާރުތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް