ފޯޅަވަހި މައްސަލައިގަ ކުރީ ސަރުކާރުން އަމަލު ކުރި ގޮތް ތަޙުޤީޤުކުރުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި

01 Nov 2026 | 09:28
ފޯޅަވަހި މައްސަލައިގަ ކުރީ ސަރުކާރުން އަމަލު ކުރި ގޮތް ތަޙުޤީޤުކުރުމަށް ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފި

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މި މައްސަލައިގައި ރާއްޖެއިން ޢައްޔަންކުރި ބައިނަލްއަޤުވާމީ މަންދޫބުން ލަފާ ދެއްވާފައިވަނީ ރާއްޖޭގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެންދިޔައީ ދިވެހި ދައުލަތުން ކަންކުރި ގޮތުގެ ސަބަބުން ކަމަށެވެ. އެ ގެއްލުމަކީ މަސްވެރިކަމާއި ކަނޑުގެ އަދި ކަނޑުއަޑީގެ ޤުދުރަތީ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެއެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން އުފެއްދެވި މި ކޮމިޝަނަށް ހަތް މެންބަރުން ވަނީ ޢައްޔަންކުރައްވައިފައެވެ. އެއީ

ކޮމިޝަނުގެ ރައީސް އަޙްމަދު ޝާކިރު

ޢަބްދުލްޢަޒީޒް ޔޫސުފް

ޑރ. އާމިނަތު ޝާފިޔާ އާދަމް

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) މުޙައްމަދު ޞާދިޤު

އަޙްމަދު ޢަލީމަނިކު

ފާޠިމަތު މިންހަތު ޢިއްޒަތެވެ.

ރައީސް އޮފީހުން ބުނީ ކޮމިޝަނުގެ މައިގަނޑު ޒިންމާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވި ހުރިހާ ފަރާތްތަކުން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުން ހިމެނޭނެ އެވެ. އޭގެ އިތުރުން އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި، އިހުމާލުގެ އިންތައް ކަނޑައެޅުމާއި، ޒިންމާކުރުވަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު ކަނޑައެޅުމާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހުށަހެޅުންތައް ހުށަހެޅުން ވެސް ކޮމިޝަނުގެ މެންޑޭޓުގައި ހިމެނެއެވެ.

ހަމައެއާއެކު، މައްސަލައާ ގުޅޭ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ގޮތް ބެލުން ވެސް ކޮމިޝަނާ ވަނީ ހަވާލުކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/17 ގައިވާ ގޮތުން މި ކޮމިޝަން ދެމިއޮންނާނީ ހަވާލުކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދުވަހާ ހަމައަށެވެ. މި ކޮމިޝަން އުފައްދަވާނެ ކަން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ އިޢުލާނުކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް