ދެ ސަފާރީއެއްގެ ޑައިވަރުންތަކެއްގެ މެދުގަ ހިނގި ހަމަނުޖެހުން ތަޙުޤީޤުކުރުމަށް އެންބީއޭއެމް އިން ގޮވާލައިފި

01 Nov 2026 | 11:19
ރާއްޖޭގައި ދުއްވާ ސަފާރީއެއް --

ރާއްޖޭގައި ދުއްވާ ސަފާރީއެއް --

މޯލްޑިވްސް ލެޖެންޑް ލައިވްއަބޯޑާއި އިންފިނިޓީ އެކްސްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ހަމަނުޖެހުން ވަކި ފަރާތަކަށް ނުޖެހި ތަޙުޤީޤުކުރުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

މީސް މީޑިއާއާއި ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި މި ހާދިސާގެ ވީޑިއޯ ފެތުރެމުންދާ ދަނޑިވަޅެއްގައި އެންބީއޭއެމް އިން ސިފަކޮށްފައިވަނީ މިއީ ނާޒުކު އަދި ސީރިއަސް ކަމެއް ކަމަށެވެ. ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ އިހުމާލެއް ފެންމަތިވެއްޖެ ނަމަ ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފިޔަވަޅު އެޅުމަށް އެ ޖަމިއްޔާ އިން ވަނީ ބާރުއަޅައިފައެވެ.

ހަމައެއާއެކު ބޯޓިން އަދި ޑައިވިން ދާއިރާގެ ތެރޭގައި އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އެޅުވުމާއި، ހެއްކެއް ނެތި ގޮތް ކަނޑައެޅުމުން ދުރުހެލިވުމަށް އެންބީއޭއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިވަކި މީހުންގެ ޢަމަލުތަކާ ހެދި ރާއްޖޭގެ މުޅި ޑައިވިން އަދި ބޯޓިން ދާއިރާގެ ނަމަށް ހުތުރު އަރާ މޭރުމުން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ކަމާ ގުޅޭ އެހެން އިދާރާތަކުން ހާމަކަން ބޮޑު ގޮތެއްގައި ޙަޤީޤަތް ހޯދައިދިނުމަށް ވެސް އެންބީއޭއެމް އިން ގޮވާލާފައިވެއެވެ.

މި ހާދިސާއާ ވަކިން، ރާއްޖޭގެ ކަނޑުފަޅުގައި ބޭރު ފަރާތްތައް ވިޔަފާރި ހިންގާ ގޮތާ މެދު ކުރިން ވެސް ފާޅުކޮށްފައިވާ ކަންބޮޑުވުންތައް އެންބީއޭއެމް އިން ވަނީ ތަކުރާރުކޮށްފައެވެ. ދިވެހިންގެ ޙަޤީޤީ ބައިވެރިވުމެއް ނެތި ހަމައެކަނި ކުންފުންޏެއް ރެޖިސްޓަރކޮށްގެން ހިންގާ އުޅަނދުތަކުގެ މިލްކުވެރިކަމާއި ހިންގުމުގެ ބާރު އޮތް ގޮތް ކަމާ ބެހޭ ފަރާތްތަކުން ބެލުމަށް ވަނީ ގޮވާލައިފައެވެ. އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވާ ގޮތުގައި އިންފިނިޓީ އެކްސް އަކީ ކުރިން ބޭރު އުޅަނދެއްގެ ގޮތުގައި ހިންގުމަށް ފަހު، ގަވާއިދަށް ބަދަލު އައި ހިސާބުން ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ ކުންފުންޏަކަށް ބަދަލުކުރި އުޅަނދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ދަފްތަރުގައިވާ ޢަދަދުތަކާއި ބައިނަލްއަޤުވާމީ ބުކިން ވެބްސައިޓްތަކުގައި އިޝްތިހާރުކޮށްފައިވާ މަޢުލޫމާތު ދިމާނުވާ ކަމަށް ވެސް އެންބީއޭއެމް އިން ވަނީ ބުނެފައެވެ. ގޯލޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދަފްތަރުކޮށްފައިވާ އިންފިނިޓީ އެކްސްގައި 20 ކޮޓަރިއާއި 40 އެނދު ހުންނަ ކަމަށް މިނިސްޓްރީ ރެކޯޑުގައި އޮތް ނަމަވެސް، ލައިވްއަބޯޑް.ކޮމް ފަދަ ޕްލެޓްފޯމުތަކުގައި ލިޔެފައި އޮންނަނީ 19 ކެބިން ހުރެ، އެންމެ ގިނައިން 30 ފަތުރުވެރިން އުފުލޭނެ ކަމަށެވެ. މި ފަރަގުތައް ސާފުކޮށް، ސަލާމަތީ ގަވާއިދުތަކަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށް ވެސް އެ ޖަމިއްޔާ އިން ވަނީ އެދިފައެވެ.

ރާއްޖެއަކީ ރައްކާތެރި ޑައިވިން މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމާއި ދާއިރާގެ ފެންވަރު މަތިކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އެންބީއޭއެމް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް